Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ސުމައިދު ހޯދަން އެމްއެންޑީއެފްގެ ހެލިކެޕްޓަރު ބޭނުން ކުރަން ފަށައިފި

އިއްޔެ ހަވީރު ތިން މީހުންނާ އެކު އައްޑޫން މަހަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލައި، އެއިން ދަތުރު ކުރި ހިތަދޫ އާބިން، މުހައްމަދު ސުމައިދު، 27، ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކެޕްޓަރު ބޭނުން ކުރަން ފަށައިފި އެވެ.

ޝަންގްރިއްލާ ރިސޯޓް ކައިރީ ގަން ކަނޑަށް ބަންޑުން ޖަހާލި ޑިންގީއިން ދަތުރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ ފަތާފައި ގޮސް ޝަންގްރިއްލާ އަށް އަރައިފަ އެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ ރޭ 8:30 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އެ ވަގުތުން ފެށިގެން ސުމައިދު ހޯދުމުގެ މަސައްކަތް އެންއެންޑީއެފް ކޯސްޓް ގާޑާއި، އައްޑޫގެ މަސްވެރިންނާއި ފުލުހުން ގުޅިގެން ވަނީ ފަށައިފަ އެވެ.

ސުމައިދު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހުން ދަތުރު ކުރި ޑިންގީ ޝަންގްރިއްލާގެ ދެކުނު ފަރާތަށް ލައްގާފައި ވަނިކޮށް ރޭ ވަނީ ފެނިފައެވެ.

ސުމައިދު ހޯދުމުގެ މަސައްކަތް ފެށި އިރު އެހިސާބުގެ އޮއި ވަރަށް ބާރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ގެއްލުނު އިރު ސުމައިދު ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ޓްރަކްޝޫޓެއް ކަމަށް އޭނާގެ ބޮޑު ބޭބެ ބުންޏެވެ.

ސުމައިދު އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރަމުން އައި ފުލުހެކެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ފަތާފައި ޝަންގްރިއްލާ ރިސޯޓަށް އެރި ދެ މީހުން ސުމައިދު ގެއްލުނު ވާހަކަ އާއި އޭނާ ހޯދުމަށް ލޯންޗެއް ފޮނުވައި ދިނުމަށް ޝަންގްރިއްލާގައި އެދުމުން އެކަން ކޮށް ނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝަންގްރިއްލާއަށް ވަނީ ފާޑު ކިއުން އަމާޒުވެފަ އެވެ.

ނަމަވެސް މިކަމާއި ގުޅިގެން ޝަންގްރިއްލާގެ ބަހެއް ވެސް އަދި ރަސްމީ ފަރާތަކުން މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް އަދި މިހާތަނަށް ނުދައްކަ އެވެ.