ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިނަށް، ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލްކޮށްފައިވާތާ ގިނަ ދުވަސްތަކެއް ފަހުން އެ ހުއްދަ އަނެއްކާވެސް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ޝެއިޚް އިލްޔާސްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވީ ހުކުރު ދުވަހު ނުބަލައި އައްޑުސިޓީ ފޭދޫ މިސްކިތުގައި ހުކުރު ހުތުބާ ވިދާޅުވި މައްސަލާގައެވެ.
އެދުވަހުގެ ހުކުރު ހުޠުބާގައި ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުގެ އަލީގައި އިލްޔާސް ވަނީ އަގުހުރި ދަރުސެއް ދެއްވާފައެވެ. އެގޮތުން ފާޅުގައި ﷲގެ ހުކުމްފުޅުތަކާއި ހިލާފްވެ، މުންކަރާތްތަކަށް އަރައިގަންނަނަމަ އެބައެއްގެ ތެރޭގައި މުސީބާތްތައް އާއްމުވެ، ކާޑު އަގުބޮޑުވުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީން ޝައިޚް އިލްޔާސްގެ ހުއްދަ ބާތިލްކުރީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް އިލްޔާސް ދަރުސް ދެއްވާ ކަމަށް ބުނެއެވެ.
މެލޭޝިއާގައި ތައުލީމް ޙާސިލްކުރައްވަމުން ގެންދަވާ ޝައިހް އިލްޔާސްއަކީ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ އިލްމުވެރިއެކެވެ.