ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެ ހަމަސް ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް ތަންފީޒުކޮށް ނިމުނުތާ ހަތަރު މަސް ވެފައިވަނިކޮށް އެދައުވާގެ އިސްތިއުނާފުގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.
މަހުލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދެ ދައުވާއެއް ސާބިތުވެ 10 މަސް ދުވަސް ހުކުމް ތަންފީޒު ކުރުމަށް ޖަލުގައި ހޭދަކުރައްވާފައިވާއިރު އަންނަ ހުކުރު ދުވަހު ދެވަނަ ދައުވާގެ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މިނިވަން ވާނެއެވެ.
މަހްލޫފްގެ މައްޗަށް ދެދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރުމަށްފަހު މަހުލޫފްގެ ވަކީލުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އެދިފައެވެ. ނަމަވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ އިސްތިއުނާފުގެ މައްސަލަ ކޯޓުން ފެށީވެސް އެދައުވާ އަށް މަހްލޫފް ޖަލުހުކުމް ތަންފީޒުކޮށް ނިންމާފައިވަނިކޮށެވެ.
މިހާރު މަހްލޫފް ތަންފީޒު ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ބަންދުގެ ދަށުގައި ހުއްޓާ ފިލަން މަސައްކަތް ކުރި ކަމުގެ ދައުވާއެވެ. މަހްލޫފްގެ މައްޗަށް ޖަލު ހުކުމް ކޯޓުން އިއްވުމުން ވަކީލުން ވަނީ އެފަދަ ހުކުމަކީ ފުރަތަމަ ފަހަރު މިފަދަ ކުށަކަށް އަންނަ ހުކުމެއް ނޫން ކަމަށާއި ގާޒީގެ ނިންމެވުމަކީ ހައިރާންވާފަދަ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.