Last Updated: April 27, 20:01
Saturday, April 27, 2024
ސިޔާސީ

"އަބްދުﷲ ގާޒީ ހައްޔަރު ކުރީ ނަޝީދު އަންގައިގެން"

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމުރު ކުރެއްވުމުން ކަމަށް އެ މައްސަލައިގައި ދައުލަތުން ދައުވާކުރާ އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދުދީދީ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ކޯޓްގައި އިއްޔެ ކުރިއަށް ގެންދިޔަ ޝަރީއަތުގައި އިބްރާހިމްދީދީ އާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާ ދައުލަތުގެ ވަކީލާ އައިޝަތު ފަޒުނާ އިއްވުމުން އިބްރާހިމްދީދީ ވަނީ ދައުވާގެ އަސްލަށް އިންކާރު ކުރައްވާފަ އެވެ.

ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމުރު ކުރެއްވުމުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރަކަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމްދީދީ ހުންނަވައިގެން ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިބްރާހިމްދީދީ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އޭނާ އެއްވެސް އަމުރެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ޑިފެންސް މިނިސްޓްރީން ކަމަށްވާތީ ފަރުދީ ގޮތުން އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ދައުލަތުން ކުރާ ދައުވާއަކީ ބޭއިންސާފު ދައުވާއެއްކަން ފާހަގަ ކުރައްވައި އިބްރާހިމްދީދީ ވިދާޅުވީ އޭނާ އާ "ދެކޮޅު" ސިފައިންގެ ބަޔަކު ކޯޓުގައި ދޭ ހެކި ބަހުގެ އަދުލުވެރިކަމާ މެދު ވެސް ސުވާލު އުފެދޭނެ ކަމަށެވެ.

އިބްރާހިމްދީދީގެ މައްޗަށް ކުރާ ދައުވާއަ ށް އޭނާ އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ އޭނާ އާ ދެކޮޅަށް ހެކިންގެ ގޮތުގައި 21 ފަރާތެއް ހުށަހަޅާފަ އެވެ.

އިބްރާހިމްދީދީގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުހުލަތެއް ދިނުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ވަރުގެ މުއްދަތެއް ދެވެން ނެތް ކަމަށެވެ. އަދި އަންނަ މަހުގެ 20 ވަނަ ދުވަހު މިމަ އްސަލައިގެ އަޑުއެހުމެއް އޮންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗްގައި އިންނެވި ސުޖާއު އުސްމާން ވިދާޅުވި އެވެ.
އަދި އެ ދުވަހު އޮންނާނީ ހެކިންގެ ހެކި ބަސް ނެގުން ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ.