ދިވެހި ރާއްޖެ އާއި ގަތަރާ ދެމެދު އޮތް 33 އަހަރުވީ ސިޔާސީ ގުޅުން އިއްޔެ ކަނޑާލި ނަމަވެސް އޭގެ ސަބަބުން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ އުރީދު އަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިއަދު ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ސިޔާސީ ގުޅުން ކަނޑާލުމުގެ ސަބަބުން ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އުރީދޫގެ ސީއީއޯއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ސީއީއޯ ނަޖީބް ޚާން ވަނީ ދިވެހި ރާއްޖޭގައި ދެމުން އަންނަ އުރީދޫގެ ޚިދުމަތަށް މެދުކެނޑުމެއް ނާންނާނެ ކަމުގެ ޔަގީން ކަން އަރުވާފައި ކަމަށް ޓްވީޓްގައި ބުނެފައިވެ އެވެ.
އުރީދުއަކީ ގަތަރު ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ރާއްޖޭގައި ބޮޑެތި އިންވެސްޓުމެންޓުތަކެއް ކޮށް، އުރީދޫން ވަނީ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ރާއްޖޭގައި ދޭން ފަށައިފަ އެވެ.
ކުއްލި ގޮތަކަށް އިއްޔެ ގަތަރާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައިވާ އިރު ސަރުކާރުން ބުނެފައި ވަނީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަކަށް ބުރުލެއް ނާރާނެ ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު ދަނީ ސަރުކާރުގެ މި ނިންމުމަށް ފާޑު ކިޔަމުންނެވެ.