އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހި ބަހަށް އޮތް ލޯބި އިތުރުކޮށް، އެންމެންނަކީ ވެސް ބަހަށް އިޙްތިރާމް ކުރާ އަދި ރީތި ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކަށް ހެއްދެވުމަށްޓަކައި ޤައުމީ ފެންވަރެއްގައި ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވައި ދެއްވުމަށް ދިވެހި ބަހުގެ އެކަޑަމީ އަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް މި ކަމަށް އިލްތިމާސް ކުރެއްވީ، ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން، ދިވެހިބަހަށްޓަކައި އަޑު އުފުލުމުގެ ގޮތުން، ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން، އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ހަވީރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މީޑިއާގެ ވަސީލަތްތަކުންނާއި، އަމިއްލަ ފަރުދުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.
އަދި ދިވެހި ރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން، ދިވެހި ދައުލަތުގެ ރަސްމީ އެންމެހާ މުޢާމަލާތްތައް، ދިވެހި ބަހުން ކުރެއްވުމަށް ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ދިވެހި ބަސް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، ހަމައެކަނި ވަކި މުއައްސަސާއެއްގެ ވާޖިބެއް ކަމަށް ދެކިގެން ނުވާނެ ކަމަށާއި، އެއީ މުޅި ޤައުމުގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، ދިވެހި ބަހުގެ އެކަޑަމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވައި، ބަހަށް އިސްކަން ދިނުމަށް ކުރަން ޖެހޭ ކަންތައްތައް، ފަރުދީ ފެންވަރުގައި ކުރުމުގެ އިތުރުން، މުޅި މުޖްތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމާއެ ކު، މިމަ ސައްކަތްތައް ކުރިއަށް ގެންދިޔުމަކީ، ބަހަށް ކޮށްދެވޭނެ ވަރަށް ބޮޑު ޚިދްމަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިބަހަށްޓަކައި މިއަދު އަޑު އުފުލަމުން ގެންދާ އިރު، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި، އަދި ޤައުމުގެ ތަރައްޤީ އަށް ބޭނުންވާ އެކިއެކި ދިރާސާ ކުރުމުގައި ދިވެހި ބަސް ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ބަހަށްވެ ސް ކުރިއެރުންތަކެއް ލިބި، ބަސް ތަރައްޤީވެގެން ދާނެ ކަމަށެވެ. އަދި ބަސް ކުރި އަރުވައި ދިރުވުމަށް މަސައްކަތްތަކެއް ކުރަމުން ނުދާ ނަމަ، މި ރީތި ދިވެހި ބަސް ވަޅުޖެހިގެން ދިޔުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމެއް ކަމަށެވެ.
ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ޒުވާނުންގެ ތެރޭގައި، ދިވެހިބަހުން މުޢާމަލާތު ކުރަމުންދާ އިރު، ބަހާ ދޭތެރޭގައި އިހުމާލު ވަމުންދާތަން މިއަދު ފެންނަމުން ދާތީ، އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބަހުގެ ހަމަތަކަށް ބަލައިލުމެއް ނެތި ވާހަކަ ދައްކައި ނުވަތަ ލިޔެ ހަދަމުން ގެންދާ ނަމަ، އެކަމުން މުޅި މުޖްތަމަޢަށް ކުރާނެ ނޭދެވޭ އަސަރާ ދޭތެރޭގައި ވެސް ޚިޔާލުކު ރަން އެބަޖެހޭ ކަމަށް ވިދާޅުވެ، ޚާއްޞަކޮށް، މައިންބަފައިންނާއި، ބެލެނިވެރިންނާއި މުދައްރިސުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
އަދި ކުދިން ޝައުޤުވެރިވާ ގޮތަށް ދިވެހި ބަސް ކިޔަވައި ދެއްވުމަކީ، މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ހިންގުންތެރިން މިއަދު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަން ޖެހިފައިވާ ކަމެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހި ބަހުން ވާހަކަ ދެއްކުމުގައި، ބޭރު ބަސް ބޭނުން ކުރުމުގެ ބަދަލުގައި، ދިވެހި ބަހެއް އޮތްތޯ ބަލައި، ދިވެހި ބަސް ވީހާ ވެސް ބޮޑަކަށް ބޭނުން ކުރުމަކީ ބަހަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅުމުގެ ސަބަބުން އެ މީހުންގެ ބަހުރުވައާއި، ވާހަކަ ދެއްކުމުގެ ގޮތްތައް، އަޅުގަނޑުމެންގެ ޅަދަރިންނަށް ނަގައިގަނެވި، އެގޮތަށް ދިވެހި ބަސް ބޭނުން ކުރުމުން، ދިވެހި ބަހަށް ވަރަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަން ވެސް އެ މަނިކުފާނު ހާމަ ކުރެއްވި އެވެ.
ދިވެހި ބަހަށްޓަކައި އަޑު އުފުލުމުގެ ގޮތުން ބޭއްވި ޚާއްޞަ ހަވީރުގައި "ދިވެހި ބަހަށްޓަކައި މުޅި ޤައުމު" މި ޝިޢާރުގެ ދަށުން މުޅި ޤައުމު، 30 ސިކުންތުގެ އަތުގުޅާލުމުގެ ވަގުތުކޮޅެއް ގެނަ އެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންގެ ޝުޢޫރު ފާޅު ކުރުމާއި، ޤައުމުގެ ތަފާތު މުއައްސަސާތަކުން ދިވެހި ބަހާ މެދު ޝުޢޫރު ފާޅުކުރުން އޮތެވެ.