Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އިންޓަނެޓް މައްސަލަ އުޅެނީ ޓެކްނިކަލް ކަމަކާ ހެދި: އުރީދޫ

މިއަދު ހެނދުނުއްސުރެ އުރީދޫގެ އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވަމުން އަންނަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އުރީދޫ އިން ބުނެފި އެވެ.

އުރީދޫ އިން ބުނެފައިވަނީ އިންޓަނެޓުގެ ޚިދުމަތަށް ބުރޫ އަރާފައިވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އަޅާފައިވާ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ދިމާވެގެން އުޅޭ މައްސަލައެއް މިހާރު ބަލަމުންދާ ކަމަށާއި ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޓްރެފިކް ޑައިވާޓް ކުރުމުގެ މަސައްކަތް ޓެކްނިކަލް ފަރާތްތަކުން މިހާރުވެސް ކުރަމުންދާ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.

މިރޭގެ ވަގުތެއްގައި ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޓެރެފިކް ޑައިވާޓު ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށާއި އޭރުން ކަސްޓަމަރުންނަށް ޚިދުމަތް ކުރިއެކޭ އެއްފަދައިން ބޭނުން ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.

މިއަދު ހެނދުނުން ފެށިގެން އުރީދޫގެ 3ޖީ އަދި 4ޖީ ބޭނުންކުރާ ފަރާތްތަކަށް އިންޓަނެޓު ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެއިތުރުން އާރްއޯއެލް ބޭނުންކުރާ ފަރާތްތަކަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. އިންޑިއާގެ ޓްރިވެންޑްރަމާ ރާއްޖެއާ ދެމެދު އޮންނަ ސަބްމެރިން ކޭބަލަކީ އާރުއޯއެލް އިން ވެސް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ކޭބަލެވެ.