Last Updated: June 11, 18:22
Thursday, June 11, 2026
ވިޔަފާރި

"އައްޑޫ ތަރައްގީ ކުރަން" ހުޅުވާލި ފުރުސަތު މާދަމާ ހަމަވާނެ

އަމިއްލަ ފަރާތަކުން އައްޑޫގައި ހިންގާ ހޮސްޕިޓަލް އައިއެމްޑީސީ. ފޮޓޯ/ އައިއެމްޑީސީ

އައްޑޫގައި އެކިއެކި ވަސީލަތްތައް ގާއިމުކޮށްގެން "އައްޑޫ ތަރައްގީކޮށް ދިނުމަށް" ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދިން ފުރުސަތު މާދަމާ ހަމަވާނެ ކަމަށް އައްޑޫ ސިޓީކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ "އައްޑޫ ތަރައްގީކޮށް ދިނުމަށް" ޝައުގުވެރިވާ ފަރާތަކުން މި މަހުގެ 26 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށެވެ.

ކައުންސިލުން ބުނީ އައްޑޫގައި ލޯކަލް ގެސްޓް ހައުސް އިމާރާތްކޮށް ހިންގުމަށާއި ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ބޭނުން ކުރެވޭ ފަދަ އޮލިމްޕިކް ސައިޒްގެ ސްވިމިންޕޫލްތަކާއި މިސްކިތްތައް އެއާކޯންކޮށް ބެލެހެއްޓުން ފަދަ ކަންކަމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށް ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

ކައުންސިލުން ބުނީ ޕްރޮޕޯސަލް ހުށަހަޅާ އިރު، އެކަމެއް ކުރަން ގަސްތު ކުރާ ތަނަކާއި މިންވަރު ބަޔާން ކުރަން ޖެހޭނެ ކަމަށެވެ.

"އައްޑޫ ސިޓީގެ ތަރައްގީ އަށް އަމިއްލަ ހައިސިއްޔަތުން އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވިޔަފާވެރިންނާއި، އަމިއްލަ ފަރާތްތަކުން މި އިދާރާ އަށް ހުށަހަޅަމުންދާތީ އައްޑޫ ކައުންސިލުން ނިންމާފައި ވަނީ މިކަމަކީ މި ސިޓީގެ ތަރައްގީ އަށް ހުޅުވިގެންދާ އިތުރު ފުރުސަތުތަކެއްކަމުން މިފަދަ ހުށަހެޅުންތައް ނުހަނު ޝައުގުވެރިކަމާ އެކު ބަލައި ގަންނަ ގޮތަށެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ. "ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ އަފުރާދުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެ އެވެ. ހާއްސަކޮށް ރައްޔިތުންނަށް ކޮލިޓީ ހިދުމަތް ދިނުމުގައި ކަމުގެ ގާބިލްކަން ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި މަދަދަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންކަމުން އައްޑޫ ސިޓީގެ ތަރައްގީ އަށް ވެސް މި ސިޓީގެ އެންމެހައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވެ އެވެ."