އައްޑު އާއި ފުވައްމުލަކަށް ފްލައި މީގެ ދަތުރުތައް ބަންދުތަކާ ދިމާކޮށް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވިލާ އެއާއިން ބުނެފި އެވެ.
ފްލައި މީގެ މެނެޖިން ޑައިރެކްޓަރު އަބްދުﷲ ނާޝިދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ފްލައިމީގެ ދަތުރުތައް އައްޑޫ އާއި ފުވައްމުލަކަށް ފެށުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް ފިޠުރު އަދި އަޟްހާ ޢީދާއި ސްކޫލް ބަންދާ ދިމާކޮށް ކަމަށެވެ.
ނާޝިދު ވިދާޅުވީ ބަންދުތަކާ ދިމާކޮށް ދަތުރު ފަށަން ނިންމި ނަމަވެސް ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދެކުނުގެ މަންޒިލްތަކަށް އަލުން ދަތުރުތައް ފެށުމަށް ފްލައިމީ އިން ނިންމާފައިވާ އިރު ފާއިތުވި މެއި މަހުގެ ތެރޭގައި އެ އެއާލައިނަށް 52 ސީޓުގެ އާ ބޯޓެއް ވަނީ ގެނެސްފިއެވެ.
ޝަރީފް ވިދާޅުވީ ފްލައިމީގެ ފްލީޓަށް އަލަށް ގެނައީ އޭޓީއާރު 42 500 މަރުކާގެ ބޯޓާއި އެކު ދެކުނުގެ މަންޒިލްތައް ކަވަރު ކުރެވޭނެ ކަމަށެވެ.
" ވިލާއެއާ އިން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ހެޔޮއަގެއްގައި ޚިދުމަތް ފޯރުކޮށްދޭން. އައްޑޫ އާއި ފުވައްމުލަކަށް ދަތުރުތައް ފަށާއިރު ކުރިއެކޭ އެއްގޮތަށް އެހެން އެއާލައިންތަކަށް ވުރެ ޓިކެޓުގެ އަގު ހެޔޮވާނެ ކަމުގެ ޔަގީންކަން ދެން. "
ވިލާ އެއާގެ ދަތުރުތައް ފެށުމަށް ތައްޔާރު ވަމުން އަންނަ އިރު އެ އެއާލައިންއިން ވަނީ ގަމުގެ އޮޕަރޭޝަންއަށް މުވައްޒަފުން ނެގުމަށް އިއްލާން ކޮށްފައެވެ.
ވިލާ ގްރޫޕުން ހިންގާ ފްލައިމީ އިން ދެކުނުގެ އަތޮޅުތަކަށް ކުރަމުން އައި ދަތުރުތައް ހުއްޓާލީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ.
ފްލައިމީ އަކީ އައްޑޫގެ ރައްޔިތުންގެ މަޤްބޫލުކަން ހޯދާފައިވާ އެއާލައިނެކެވެ.