ދިވެހި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާސް ނުވެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިއަދުގެ ޖަލްސާގައި މިމައްސަލައަށް ބަހުސް ކުރުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 62 މެމްބަރުންގެ ތެރެއިން 40 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ 22 މެމްބަރުންނެވެ.
ބަހުސް ކުރުމެއް ނެތި މައްސަލަ ބޭރުކޮށްލާފައިވާއިރު މައްސަލަ ހުށައަޅަމުން ހުސެން މުހައްމަދު ވިދާޅުވެފައިވަނީ ދިވެހި ރާއްޖެއާއި ގަތަރާއި ދެމެދު އެއްވެސް ކަހަލަ ދެބަސްވުމެއް ނެތި ކުއްލި ގޮތަކަށް ގިނަ ދުވަސްވީ ސިޔާސީ ގުޅުން ކަނޑާލުމުން އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ދިވެހި ރާއްޖެއިން ގަތަރާއި ގުޅުން ކަނޑާލާފައިވަނީ ޓެރަރިޒަމްއަށް ނޫނެކޭ ބުނުމަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް ރާއްޖެއާއި ގަތަރާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުމަކަށް ބުރުލެއް ނާރާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.