އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ސީލިންގެ ބައެއް ބައިތަކުގައި ޑަސްބިން ކޮތަޅު ހަރުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގެ ސީލިންގެ ތަންކޮޅެއްގައި ކަޅު ކުލައިގެ ޑަސްބިން ކޮތަޅު ވަނީ ހަރުކޮށްފައެވެ.
Addu City hithadhoo regional hospital ceiling kohfa inyy dasbin kothalhun..Miitha rayyithunah haguwaa minwaru ? pic.twitter.com/2ix8nRnING
— MirzaaG (@MirzaagMV) June 7, 2017
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލުގެ ސީލިންގައި ޑަސްބިން ކޮތަޅު ހަރުކޮށްފައި ވަނީ، ސީލިންގްގައި ހަރުކޮށްފައި ހުރި އޭސީ އަކުން ފެން ލީކުވެ އެމަޖެންސީ ރޫމްގެ އެނދުތަކުގެ މައްޗަށް ފެން ފައިބާތީއެވެ.
ސީލިންގް ގައި ޑަސްބިން ކޮތަޅު ހަރުކުރުމާއި ބެހޭ ގޮތުން ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
1984 ގައި ހުޅުވި ހިތަދޫ ހޮސްޕިޓަލުގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުން ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ވާރޭ ވެހޭ ނަމަ ފުރާޅުން ލީކްވުމަކީ ބޮޑުވެފައިވާ މައްސަލައެކެވެ.


ހޮސްޕިޓަލުގެ ފުރާޅުން ލީކްވާ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު ވިއްސާރަ މޫސުމުގައި ހޮސްޕިޓަލްގެ އެތެރޭގެ އެތަންމިތަނުގައި ބާލިދީ ބަހައްޓާފައި ހުންނަ މަންޒަރު ވަރަށް ގިނައިން ފެނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެކަށީގެންވާ ފެންވަރަށް ހިދުމަތް ނުދެވުމުގެ ޝަކުވާ އަކީ އައްޑޫގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރާ މައްސަލައެކެވެ.