Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

"އިސްލާމް ދީނާއި މިނިވަން ކަމަކީ އެންމެ ބޮޑު ރައުސުލްމާލް"

އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ ދިވެހިންގެ އެންމެ ބޮޑު ރައުސްމާލު ކަމަށާއި އެކަންކަމަށް ހުރުމަތްތެރިވުމަށް ކުރީގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ދިވެހި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމުން ރައީސް މައުމޫން ވަނީ މުސްލިމް ގައުމުތަކާއި ދެމެދު އޮތް ގުޅުން ކަނޑާލަމުންދާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރު އިރާނާއި ގުޅުން ކަނޑާލާފައިވާއިރު ޓެރަރިސްޓުންނަށް މަދަދުވެރިވާ ކަމަށްބުނެ ސައުދީއާއި މުސްލިމް 5 ގައުމަކުން ގަތަރާ ގުޅުން ކަނޑާލުމުން ދިވެހި ރާއްޖެއިންވެސް ވަނީ ގުޅުން ކަނޑާލާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުމުން ދިވެހިންގެ ނިންމުން ނިންމަނީ ސައުދީ ފައިސާވެރިންތޯ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގަތަރާ ރާއްޖެއިން ގުޅުން ކަނޑާލާފައިވި ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ ވިޔަފާރީގެ ގޮތުން ގުޅުން ކަނޑާނުލާ ކަމަށެވެ. އަދި އެގައުމުގެ ރައްޔިތުންނަށް ރާއްޖެ އައުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.