އެމްޑީޕީން އަބަދުވެސް އެންމެހާ މީޑިޔާތަކާއި ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕަސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރާއްޖޭ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު) އަށް ދިން އަނިޔާވެރި ހަމަލާ ކުށްވެރި ކުރާ ކަމަށާއި މި ދަނޑިވަޅުގައި ހުރިހާ މީޑިޔާތައް ވެސް އެކަތި ގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.
އަދި ނޫސްވެރިން އެއްބަޔު އަނެއް ބަޔަކަށް ފާޑުކިޔައި ވާހަކަ ނުދެއްކުމަށާއި ނޫސްވެރިންގެ މިނިވަން ކަމަށާއި ހިމާޔަތަށް ހުރިހާ ނޫސްވެރިން އެކުގައި މަސައްކަތް ކުރުމަށް ވެސް ރޭގެ ޖަލްސާގައި މޫސަ ވަނީ ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި މޫސާ ވިދާޅުވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި އެކު، އެ މަޖިލީހުން ޖުޑީޝިއަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވާފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އެ ކޮމިޝަނުން ވަކި ކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ބަލާ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗު ޖޭއެސްސީން ކަނޑައެޅި އިރު، އެ މަނިކުފާނާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ އިޢުލާން ކުރައްވާފައިވާ ކެންޑިޑޭޓަކު ޖޭއެސްސީގައި އިންނެވުމަކީ ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.