Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

"މިއީ ރައްޔިތުންނާ ވާހަކަ ދެކެވޭ ފަހު ފަހަރަށް ނުވުމަކީ ދުއާ"

ރައީސް ޔާމީން އާއި އަހްމަދު އަދީބް.

ޖިނާއީ ތަފާތު ދައުވާތަކެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދް އަދީބު އެމަނިކުފާނުގެ ޝުޢޫރުތައް ސިޓީއަކުން ހާމަކުރައްވައިފިއެވެ.

މިއީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު އަދީބު ހައްޔަރުކުރި ފަހުން އަދީބުގެ ފަރާތުން ނެރުއްވި މިފަދަ ފުރަތަމަ ބަޔާނެވެ. އެބަޔާނުގައި އަދީބު ވިދާޅުވެފައި ވަނީ "މިއީ ރައްޔިތުންނާއި ސިޓީއެއް މެދުވެރިކޮށް ވާހަކަ ދެކެވޭ ފުރަތަމަ ފަހަރު ކަމަށާއި ފަހު ފަހަރުކަމުގައި ނުވުމަކީ ދުއާ ކަމަށެވެ."

"ރައްޔިތުންގެ ކުރިމަތީގައި ސޫރަކުރެވެމުންދިޔަ އަޙްމަދު އަދީބް ޢަބްދުލްޣަފޫރަކީ، މެދުވެރިވި ނުހަނު ގިނަ ޙާލަތްތަކަކާއި، ވަރަށް ގިނަ ސަބަބުތަކެއްގެ ނަތީޖާއެވެ." ގާނޫނީ ވަކީލުން މެދުވެރިކުރައްވާ އަދީބު ނެރުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ކޮންމެ ގަބޫލުކުރުމަކީ އަދި އިވޭ ކޮންމެ އަޑަކީ ހަގީގަތަކަށްވާން ނުޖެހޭ ކަމަށާއި ހަގީގަތުން ބައެއް އެނގިގެން ނަތީޖާއަކަށް ވާސިލުވުމަކީ ވެސް ކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

ޖަލުގައި ބަންދުކުރެވުނު ފަހުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެކަން ވެސް އަދީބުގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކިޑްނީގައި ހިލަހުރުމާއި، އިންޓާނަލް ސިސްޓް ހުރުމާއި، އަދި ލޮލުގެ ބައްޔެއްކަމަށްވާ ގޮލޮކޮމާ ޖެހިފައިވާ ކަން ފާހަގަކޮށްފައެވެ.

އަދި އަދީބުގެ ސިއްހީ މައްސަލަތަކާއި އޭގެ ތަފުސީލުތަކަކީ ހޮޅުއަށިތަކުގެ މައުލޫއަށް ވުމަކީ އެއްވެސް އިރެއްގައި އެދުނު ގޮތް ނޫން ކަމަށާއި އެއްވެސް މީހެއްގެ ޒާތީ ދިރިއުޅުމަކީ ނީލަމަށް ހުޅުވާލެވިގެންވާނޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަދީބު އިތުރަށް ވިދާޅުވި ގޮތުގައި އަދީބުގެ ސިޔާސީ ހަޔާތުގައި އަދީބުގެ މިތުރުންނާއި، އަދީބުގެ އާއިލާއާއި ތަފާތެއް ނުކުރައްވައެވެ. އަދީބު ވަނީ އަދީބާމެދު މީހުންގެ ހިތުގައި ހުރި "ކިލަނބުކަން" ފިލުވައިދިނުމަށް އެދިފައެވެ.

"އަޅުގަނޑުގެ ހިތުން ޖާގަ ދެވުނު ކޮންމެ މީހެއްގެ ތަކުލީފުތައް ދުރުކުރެވޭތޯ އަޅުގަނޑު ވީވަރަކުން ވާނީ މަސައްކަތްކޮށްފައެވެ. އެއިން އެއްވެސް ބޭފުޅަކަށް ދެރައެއް ދިނުމަށް އަޅުގަނޑު އެއްވެސް އިރެއްގައި މަސައްކަތްކޮށްފައެއް ނުވާނެއެވެ."

އަދީބުގެ ސިޓީގައި ވިދާޅުވެފައި ވަނީ ވޭތުވެދިޔަ މުއްދަތުގައި ޖަލުގައި "ހިމޭނުންއޮތީ" ރާއްޖޭގެ ސިޔާސީ މަސްރަހާއިމެދު ކަންބޮޑުވެވަޑައިނުގަންނަވާތީ ނޫން ކަމަށެވެ.
. އަދި ވަމުންދާ ގޮތާއި، ކަން ހިނގަމުންދާ ގޮތް ފެންނަ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި މިއީ އެގޮތަށް ދިވެހި ރައްޔިތުންނާ ވާހަކަ ދެކެވޭ ފުރަތަމަ ފަހަރު ކަމަށާއި ފަހު ފަހަރުކަމުގައި ނުވުމަކީ ދުއާ ކަމުގައި ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ދިވެހި ރައްޔިތުންނާ ދައްކަން ހުރި ވާހަކަތައް ނުހަނު ގިނަ ކަމަށެވެ.

"ދިވެހިރާއްޖޭޣެ ސިޔާސީ ތަސްވީރުގެ މިހާހިސާބަށް ބެލުނުއިރު، އަލުން ބިނާނުކުރެވޭނޭ ނުވަތަ ރަނގަޅު ނުކުރެވޭނޭ މިންވަރަށް ވީރާނާވެފައި އެއްކަމެއްވެސް ނުފެނެއެވެ. ބޭނުންވަނީ ދިވެހިރައްޔިތުންގެ މިންނެތް މަސައްކަތެވެ." އަދީބު ވިދާޅުވިއެވެ.

އަދީބުގެ ސިޓީ ނިންމާލައްވަމުން ވިދާޅުވެފަިއވަނީ އެމަނިކުފާނުގެ މަރަށް އިންތިޒާރުކުރާ އެންމެންނަށް ދިގު އުމުރަކަށް އެދިވަޑައިގެންފައެވެ.