މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރެޝަމިޔާ އޭނާ 22 އަހަރު ވަންދެން ކައިވެނި ށްގެން އުޅުނު އަނބިމީހާ ކޯމަލްއާ ވަކިވެއްޖެ އެވެ.
މިދިޔަ އަހަރު ވަކިވާން އެދެމީހުން ނިންމިއިރު، ހިމޭޝް އާއި ކޯމަލްގެ ރަސްމީގޮތުން ވަރިވެފައި ވަނީ ޖޫން މަހުގެ ހަވަނަ ދުވަހު ބޮމްބޭ ކޯޓް ގައެވެ.
އެކަމާއި ބެހޭގޮތުން ވާހަކަދައްކަމުން ހިމޭޝް ބުނީ އޭނާ އާއި ކޯމަލް ވަކިވާން ނިންމި ނިންމުމަކީ ދެމީހުން އެކީގައި ނިންމި ނިންމުމެއް ކަމަށާއި، އެކަމާއި އެދެމީހުންގެ އާއިލާ އާއި ރަހުމަތްތެރިންގެ ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އަދި ވަރިވުމަށް ފަހުވެސް ހިމޭޝް ވާނީ ކޯމަލްގެ އާއިލީ މީހަކަށް ކަމަށާއި ކޯމަލް ވާނީ ހިމޭޝްގެ ވެސް އާއިލީ މީހަކަށް ކަމަށް އޭނާ ބުންޏެވެ.
ކޯމަލް ވެސް ބުނެފައި ވަނީ ދެމީހުން ވަކިވާން ނިންމި ކަމުގައިވިޔަސް، ދެމީހުންވެސް އެކަކު އަނެކަކަށް އިޙްތިރާމާއި ޤަދަރު ކުރާ ކަމަށެވެ. ދެމީހުން ވަކިވާން ޖެހުނީ ޙައްލު ނުކުރެވޭފަދަ ތަފާތުތަކެއް ހުރުމުގެ ސަބަބުން ކަމަށްވެސް ހިމޭޝް އާއި ކޯމަލް ވަނީ ބުނެފައެވެ.
ހިމޭޝް އާއި ކޯމަލްގެ ކައިވެންޏަށް ލިބިފައި ވަނީ އެއް ފިރިހެން ކުއްޖެކެވެ. އެކުއްޖާއަށް ކިޔަނީ ސްވަޔަމް އެވެ. ރިޕޯޓްތައް ބުނާގޮތުން ވަރިވުމަށް ފަހު ވެސް ކޯމަލް ދިރިއުޅެމުންދާނީ ހިމޭޝް ވެސް ދިރިއުޅެމުންދާ އިމާރާތުގައި ކަމަށެވެ.