ރޭ ދަންވަރު 3:30 ހާއިރު މާލޭގެ ގެއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ކަޓަރުން ބިރު ދެއްކުމަށް ފަހު ފޭރިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިރު ދެެއްކުމަށްފަހު އެގެއިން ފޭރިގެންފައިވަނީ ވޮލެޓަކާއި މޮބައިލް ފޯނެކެވެ. އެގެއަށް ބަޔަކު ވަދެގެންފައިވަނީ ދަންވަރު ގަޑީގައި އެގޭގެ ދިރިއުޅޭ ފިރިހެނަކު ގޭގެ ދޮރު ހުޅުވާލި ވަގުތު ބަޔަކު އައިސް ބިރު ދައްކައިގެންނެވެ.
މާލޭ އެކި ހިސާބުތަކުން ބިރު ދައްކައިގެން ފޭރެމުންދާ ކަމުގެ ހަބަރު ފެތުރިފައިވަނިކޮށް ހިނގި މިހާދިސާ އާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.
ރޭގެ ހާދިސާ ހިނގާފައިވަނީ ފުލުހުންގެ އިސްކަންދަރު ކޮށި ފުރަގަހުގައި ހުރި ގެއަކުންކަމަށް މައުލޫމާތު ލިބެއެވެ. މިފަދަ ހާދިސާތަކާއި ގުޅިގެން ފުލުހުން ބުނީ ބިރު ނުގަނެ މި މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރުމަށެވެ. އަދި މިފަދަ ވާހަކަތައް ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުފެތުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.