ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ހައްޔަރުކޮށްފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.
އާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ސޮއިކުރައްވާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފެވެ.
ބާރީ ނެރުއްވާފައިވާ އަމުރުގައި ބުނެފައިވާ ގޮތުން އާޒިމް ގެންދަވަނީ ޝަރުއީ ދާއިރާއާއި މެދު ސާބިތު ނުހިފޭ ވާހަކަ ދައްކާ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރައްވަމުންނެވެ.އާޒިމް ހައްޔަރު ކުރުމަށް ހެއްކާ ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމް މިހާރު ވަނީ ފުލުހުންގެ ޑިޓެންޝަން ސެންޓަރ އަތޮޅު ވެއްސަށް ގެންގޮސްފައެވެ.