Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

"އެތައް ބަޔަކު މަރާލި، ގެއްލުވާލި އެއީ ނިމުމެއް ނެތް ކަރުނަތަކެއް"

މީހުން ގެއްލުވާލައި، އެތައް މީހަކު މަރާލައި، އެތައް ބަޔަކަށް ބަދަލު ނުދެވޭ ވަރުގެ އަނިޔާ ދީފައިވާ އިރު އެއީ ނިމުމެއް ނެތް ކަރުނަތަކެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަމާޒު ކުރައްވައި، ޖަމީލް ޓްވިޓާގައި ވިދާޅުވީ ހިޔާނާތްތެރިވީ ރައްޔިތުންގެ މުދަލަށް ކަމަށާއި، ގޯއްޗާއި ރިސޯޓު ހޯދީ އެ މެމްބަރުން ކަމަށާއި، އަސްލު ހާލުގައި ޖެހުނީ ރައްޔިތުން ކަމަށެވެ.

ކުރީގެ ނައިބް ރައީސް ޖަމީލް މިފަދައިން ވިދާޅުވި އިރު މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަށް ވީނުވީ އެއް ނޭގި ގެއްލިފައިވާ އިރު އޭނާގެ އާއިލާ އާއި ރައްޓެހިންގެ ލޮލުން އަދިވެސް ކަރުނަ ނުހިފެހެއްޓެއެވެ. ރިލްވާން އަށް ވީގޮތެއް ހޯދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދުގެ ހަށިގަނޑުގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ. އެއާއިއެކު އެތައް ބަޔަކު ދަނީ ޔާމީންގެ މަރާލި މައްސަލާގައި ކަރުނަ އަޅަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި އެތައް ބަޔަކަށް ނުހައްގުން އަނިޔާ ކުރަމުންދާ ކަމަށް ރައްޔިތުން ގެންދަނީ ބުނަމުންނެވެ. މި ހުރިހާ މައްސަލަތަކަށް އަލި އަޅުވައި ޖަމީލް ކުރެއްވި ޓްވީޓަށް ފާޑު ކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.

ޖަމީލަށް ރައްދު ދެއްވި އެކަކު ބުނީ ޖަމީލަކީވެސް އެތައް ބަޔަކަށް އަނިޔާ މީހެއް ކަމަށާއި ރައީސް ނަޝީދު އާއި އެމްޑީޕީއަށް އަނިޔާ ދިން ނަމަވެސް އެމީހުން މައާފު ދީފައިވާ ކަމަށެވެ.