Last Updated: June 11, 18:22
Thursday, June 11, 2026
މުނިފޫހިފިލުވުން

"މިލަން ޓޯލްކީޒް" ގައި ޕްރިޔަންކާ އާއި އިމްރާން

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް، ޓިގްމާންޝޫ ދޫލިއާ ޑައިރެކްޓް ކުރާ "މިލަން ޓޯލްކީޒް" ގެ ލީޑް ރޯލަށް ޕްރިޔަންކާ ޗޯޕްޅާ އާއި އިމްރާން ހާން ހަމަޖައްސައި، ސެޕްޓެމްބަރު މަހުގެ 10 ގައި ފިލްމްގެ ޝޫޓިން ފަށަން ނިންމައިފި އެވެ.

މިއީ ޕްރިޔަންކާ އާއި އިމްރާންގެ ޒުވާން ޖޯޑް ސްކްރީނަށް އެކުގައި އަންނަ ފުރަތަމަ ފަހަރެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން "ޕާން ސިންގް ތޯމަރު" އާއި "ސާހިބް، ބީވީ އޯރް ގޭންގްސްޓާ" ގެ ޑައިރެކްޓަރު ދޫލިއާ ބުނީ "މިލަން ޓޯލްކީޒް" އާ ބެހޭ ގޮތުން އޭނާ އާއި އެކްތާ އާ ދެމެދު ވާހަކަ ދެެކެވޭތާ ގިނަ ދުވަސްތަކެއް މިހާރު ވެއްޖެ ކަމަށެވެ.

މި ފިލްމްގައި ދައްކުވައި ދޭނީ ފިލްމްތަކުގެ ޑްބްލިކޭޓް ހަދައިގެން އޭގެ ވަގު ވިޔަފާރި ކުރާ ގޮތެވެ.

ދޫލިއާ ބުނީ "މިލަން ޓޯލްކީޒް" ގެ މަސައްކަތް ނުފެށި މިހާ ދިގުލައިގެން ދިޔަ މައިގަނޑު ސަބަބަކީ، ފިލްމްގެ ލީޑް ރޯލަށް އިމްރާނާއި ޕްރިޔަންކާ ގެންނަން ބޭނުންވެގެން ކަމަށެވެ.

"މި ފިލްމްގައި ދައްކުވައިދޭ ލީޑް ކެރެކްޓާތަކާ އެންމެ ގުޅޭ ދެ ތަރިންނަކީ އެއީ. އެހެންވެ ބޭނުންވީ އެކަން ކޮމްޕްރޮމައިޒް ނުކޮށް، ކޮންމެހެން ވެސް އެ ދެ ތަރިން ލައިގެން ނޫނީ ފިލްމް ނަހަދަން،" ދޫލިއާ ބުންޏެވެ. "އެކަން މިއޮތީ އެންމެ ފަހުން ކާމިޔާބްވެފައި. އެ ދެ ތަރިން މި ފިލްމްގައި ފެނިގެން ދާނީ މީގެ ކުރިން ފެނިފައިވާ ނުވާ ފަދަ ވަރުގަދަ ރޯލްތަކަކުން."

ދޫލިއާ ބުނީ "މިލަން ޓޯލްކީޒް" ގެ މަސައްކަތް ފަށާނީ އޭނާ މިހާރު ޑައިރެކްޓް ކުރަމުން އަންނަ "ބްލެޓް ރާޖާ" ގެ މަސައްކަތް އެޕްރީލް މަހު ނިމުމުން ކަމަށެވެ. މި ފިލްމްގެ ތަރިންނަކީ ސައިފް އަލީ ހާނާއި ސޮނާކްޝީ ސިންހާ އެވެ. ދޫލިއާގެ ދެން އެންމެ އަވަހަށް ރިލީޒް ވަނީ "ސާހިބް ބީވީ އޯރް ގެންގްސްޓާ ރިޓާން" އެވެ.

"މިލަން ޓޯލްކީޒް" އަކީ އެކްތާގެ ޕްރޮޑަކްޝަނެެއްގައި ޕްރިޔަންކާ މަަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އެހެން ނަމަވެސް އިމްރާން މިހާރު އަންނަނީ އެކްތާ ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓް ކުރާ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ 2" ގައި މަސައްކަތް ކުރަމުންނެވެ.