Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ސުމެއިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއް ނުލަން: އެމްއެންޑީއެފް

މި މަހުގެ 4 ވަނަ ދުވަހު ހަވީރު ޝަންގްރިއްލާ ރިސޯޓް ކައިރިއަށް ބަންޑުން ޖަހާލި ޑިންގީން ދަތުރު ކުރި ހިތަދޫ އާބިން މުހައްމަދު ސުމެއިދު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އޮޔާއި، ވަޔަށް ބަލައިގެން ސާޗް އޮޕަރޭޝަން ހުއްޓުމެއް ނެތި މިއަދުވެސް ކުރިއަށް ގެންދާކަމަށެވެ.

ސުމެއިދު ހޯދުމުގައި ވައިގެ މަގުން ބޭނުން ކުރަމުން އައި އެމްއެންޑީއެފްގެ ހެލިކެޕްޓަރއަށް އިއްޔެ މައްސަލަތަކެއް ޖެހިގެން އޭގެ ބޭނުން ކުރުން ވަގުތީގޮތުން އިއްޔެ ހުއްޓާލިއެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް މިއަދު އަލުން ސާޗް އޮޕަރޭޝަންގައި ހެލިކެޕްޓަރ ބައިވެރިވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ސުމެއިދު ހޯދުމަށްޓަކައި ޑައިވްކޮށްގެންނާއި ހެލިކޮޕްޓަރުގެ އެހީގައި ގާތްގަނޑަކަށް 6 މޭލްގެ ސަރަހައްދެއް ވަނީ މިހާތަނަށް ބަލާފައެވެ.

ޑިންގީ ބަންޑުން ޖަހާލި ހާދިސާ ހިނގީ ސުމެއިދު އާއި އެކު އިތުރު ދެ މީހަކު މަހަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް އޭނާ އާއި އެކު މަހަށް ދިޔަ މީހުން ބުނެއެވެ. އެމީހުން ވަނީ ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް އަރައި މި މައްސަލަ ސިފައިންނަށް ރިޕޯޓްކޮށްފައެވެ.

މި މައްސަލަ ތަހްގީގު ކުރުމަށް ފުލުހުންގެ ޓީމެއް އައްޑޫއަށް އައިސްފައިވާ އިރު ފުލުހުން ފަހުން ބުނެފައިވަނީ ޑިންގީ ބަންޑުން ޖަހާލިކަމަށް ނުބެލެވޭ ކަމަށެވެ.

ސުމެއިދު ހޯދުމުގެ މަސައްކަތުގައި އޭނާގެ އާއިލާގެ މީހުން އަދި އެކުވެރިންގެ އިތުރުން ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.