ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކުރި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގެ ކޮއްކޮ ކުރީގެ އެސްޓިއޯގެ އެމްޑީ އާދަމް އާޒިމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
One day after #Maldives appears on UN #HRC agenda, PYAG arrests another senior opposition member on trumped up charges.
Free @adamazim now.— Mohamed Nasheed (@MohamedNasheed) June 8, 2017
އާޒިމް ހައްޔަރު ކުރުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެ ވާހަކަ ދެއްކިތާ އެއް ދުވަސްފަހުން ރައީސް ޔާމީން އަނެއްކާ ވެސް، ހަގީގަތެއް ނެތް ދައުވާތަކެއްގެ މައްޗަށް އިދިކޮޅު ހަރަކާތުގެ އިސް މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އާޒިމް ވަގުތުން ދޫކޮށްލުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އާޒިމް ހައްޔަރު ކުރީ މަޖީދީ މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުންނަ އިމާރާތުގައި ހުންނަ އާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުއްޓާއެވެ. އާޒިމް ވަނީ ހައްޔަރުކޮށް އަތޮޅުވެއްސަށް ގެންގޮސްފައެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވާފައިވާ އަމުރުގައި ބުނެފައިވާ ގޮތުން އާޒިމް ގެންދަވަނީ ޝަރުއީ ދާއިރާއާއި މެދު ސާބިތު ނުހިފޭ ވާހަކަ ދައްކާ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރައްވަމުންނެވެ.އާޒިމް ހައްޔަރު ކުރުމަށް ހެއްކާ ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.