ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކުރި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގެ ކޮއްކޮ ކުރީގެ އެސްޓިއޯގެ އެމްޑީ އާދަމް އާޒިމް ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
އާޒިމް ހައްޔަރު ކުރީ މަޖީދީ މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުންނަ އިމާރާތުގައި ހުންނަ އާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުއްޓާއެވެ. އާޒިމް ހައްޔަރުކޮށްގެން ފުރަތަމަ ގެންދިޔައީ އަތޮޅުވެއްސަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވާފައިވާ އަމުރުގައި ބުނެފައިވާ ގޮތުން އާޒިމް ގެންދަވަނީ ޝަރުއީ ދާއިރާއާއި މެދު ސާބިތު ނުހިފޭ ވާހަކަ ދައްކާ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރައްވަމުންނެވެ. އާޒިމް ހައްޔަރު ކުރުމަށް ހެއްކާ ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.