Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

"މުޞްޙަފް މާލްދީފް" ބެހުން ހަމައެކަނި މާލޭގައި

"މުސްހަފް މާލްދީފް"ގެ ފުރަަތަމަ ކޮޕީތަކުގެ ތެރޭން މުސްޙަފެއް --- ފޮޓޯ/ ރައީސް އޮފީސް

"ކޮންމެ ދިވެއްސަކަށް މުޞްޙަފެއް"، މި ޝިޢާރުގެ ދަށުން އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒާއި ބަޙްރައިންގެ ޤުރްއާން ކެއާރ ސޮސައިޓީ ގުޅިގެން ދިވެހިންނަށް ހާއްސަކޮށް ޗާޕްކޮށްފައިވާ "މުޞްޙަފް މާލްދީފް" ބެހުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

"މުސްޙަފް މާލްދީފް"ގެ 100،000 މުޞްޙަފް ޗާޕްކޮށްގެން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައ މުޞްޙަފް ބަހާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 13:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ. މުޞްޙަފް ބަލައި ދާއިރު އައިޑީކާޑު ވެސް ގެންދަން ޖެހެއެވެ.

އުމުރުން 15 އަހަރާއި 39 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް މުސްޙަފެއް ލިބޭއިރު، މުސްޙަފް ބެހުން ކުރިއަށް ގެންދަނީ ހަމައެކަނި މާލޭގައެވެ. އަތޮޅު ތެރޭގައި މުސްޙަފް ބެހުން ކުރިއަށް ގެންދާނެ ކަމެއް ނުވަތަ ނޫން ކަމެއް އިސްލާމިކް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޗާޕްކުރަން ފެށި މުސްހަފް މާލްދީފްގެ 1 ލައްކަ ކޮޕީ ރާއްޖެ ގެނެސްފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނީ ވަރަށް އަވަހަށް މުޞްޙަފްގެ އިތުރު ކޮޕީތަކެއް ގެންނާނެ ކަމަށާއި އެއާއެކު އިތުރު މީހުންނަށް ބަހާނެ ކަމަށެވެ.