Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

މީޑިއާގެ ސެކިއުރިޓީ އަށް އެސެސްމަންޓެއް

ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި މަރުކަޒުތަކަށް ސެކިއުރިޓީ ދެވޭނެ ގޮތްތައް ބަލައި ހޯދުމަށްޓަކައި ސެކިއުރިޓީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ސެކިއުރިޓީ އެސެސްމަންޓް ޔުނިޓާއި އިންޓެލިޖެންސް އެންޑް ކޯވަޓް ޕޮލިސިން ގުޅިގެން ހަދާ މި އެސެސްމަންޓަކީ މީޑިއާގެ ފަރާތްތަކަށާއި ތަންތަނަށް ހުރި ނުރައްކާތައް ދެނެގަތުމާއި އެފަރާތްތަކާއި ތަންތަނަށް އަތުވެދާނެ ޙަމަލާއަކުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު އެއްކޮށް ކުރެވެން ހުރި މަސައްކަތްތައް ދެނެ ގަތުމަށް ހަދާ އެސެސްމަންޓެކެވެ.

މިއަދު ފެށި މިޕްރޮގްރާމުގެ ދަށުން މިއަދު ވަނީ ބައެއް މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނާ ގުޅޭގޮތުން މަޢުލޫމާތު އެއްކޮށްފަ އެވެ. މިގޮތުން އެތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް މިހާރު އެޅިފައި ހުރި ގޮތާއި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަމާ ބެހޭ މަޢުލޫމާތު ހޯދައި ދިރާސާ ރިޕޯޓް ހަދަން ފެށިފައި ވެ އެވެ.

މީގެ އިތުރުން ޚަބަރު ފަތުރާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހުރި ނުރައްކަލާއި އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ވެސް މަޢުލޫމާތު ހޯދައި ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ޙަރަކާތްތެރިވާ މީޑިއާތަކަށާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ ރިޕޯޓެއް އެކުލަވައިލުމަށް ފަހު މިކަމުގައި ޢަމަލު ކުރާނެ ގޮތްތަކެއް ފުލުހުންގެ ފަރާތުން ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މީޑިއާގެ ފަރާތްތަކުގެ ސެކިއުރިޓީ އާ ގުޅޭ ގޮތުން ފުލުހުން މަސައްކަތްތަކެއް ފަށާފައި ވަނީ ރާއްޖޭ ޓީވީގެ ނޫސްވެރިއަކަށް ސީރިއަަސް ހަމަލާއެއްދީ އޭނާގެ ހާލު ސީރިއަސްވެ، އިތުރު ދެ ނޫސްވެރިއަކަށް ވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަލާ ދީފައި ވަނިކޮށެވެ.