ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވާ ހާއްސަ ތަރާވީހެއް މިރޭ ލަންކާގައި ބާއްވަން ނިންމައިފި އެވެ.
ލަންކާގެ ދެހިވަލަ، ހިލް ސްޓްރީޓްގައި ހުންނަ "ޓެން ޓެން" ކެފޭގައި ބާއްވާ މި ތަރާވީހަށް ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ. އެމްޑީޕީން ބުނީ މިރޭގެ ތަރާވީސް ރޭގަނޑު 8:30 އިން 12 ޖަހަންދެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ދޭތެރެ ދޭތެރެއިން ލަންކާއަށް ވަޑައިގެން ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި އަދި އެމްޑީޕީގެ މެމްބަރުންނާއި، އިސްވެރިންނާއި ދަނީ ބައްދަލު ކުރައްވަމުންނެވެ.