ދެ ދައުވާއެއް ސާބިތުވެ ޖުމުލަ 10 މަހާއި 24 ދުވަސް ޖަލުގައި ހޭދަކުރެއްވުމަށްފަހު މިއަދު މިނިވަންވެވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރިމަތިވި ދަތިތަކުގެ ވާހަކަ ހިއްސާ ކުރައްވައިފިއެވެ.
މަހްލޫފުގެ ޝަރަފުގައި އިދިކޮޅު އިއްތިހާދުން އޭނާ މިނިވަންވުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 11 މަސްދުވަހަކީ ވަރަށް އުނދަގޫ، ދަތި ދުވަސްތަކެއް ކަމަށެވެ. އަނބިކަނބަލުންނާއި ތުއްތު ދަރިފުޅާއި ދުރުގައި ހުންނަން ޖެހުމަކީ އިންތިހާއަށް ދަތިވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ތުއްތު ދަރިފުޅު ދެކިލުމަށް ދަރިފުޅު ކައިރިއަށް ގެންގޮސްދިނުމަށް ކުރި އާދޭސް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.
މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަހްލޫފް ވިދާޅުވެފައިވަނީ މިއީ މާފުށީ ޖަލަށްވުރެ ބޮޑު ޖަލެއް ކަމަށެވެ. ހަމައެކަނި ތަފާތަކީ "މިޖަލުގައި" އާއިލާ ކައިރީގައި ތިބެވޭ ތިބުން ކަމަށެވެ. އިދިކޮޅު ސިޔާސީ ލީޑަރުން ގައުމުން ބޭރުގައި ތިއްބަވަން ޖެހިވަޑައިގެންފައިވުމާއި ރާއްޖޭގައި ތިބި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ބޭސް ފަރުވާ ކުރުމަށްވެސް ނުދެވޭނީ ޖަލެއްގައި ތިބުމުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.