Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ގައިނީ އަހުމަދު އެނބުރި އައްޑު އަށް އައުމުން ހޫނު މަރުހަބާއެއް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި މަސައްކަތް ކުރައްވަމުން ގެންދަވާ މިސްރުގެ ގައިނިކޮލޮޖިސްޓް ޑރ. އަހުމަދު މުހައްމަދު އަލީ ދުވަސް ކޮޅަކަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ފަހު އެނބުރި އައްޑު އަށް ވަޑައިގެން ހޮސްޕިޓަލާ ގުޅިވަޑައިގެންފި އެވެ.

ޑރ. އަހުމަދު ކުޑަހުވަދޫގައި މަސައްކަތް ކުރެއްވުމަށް ފަހު އެނބުރި ރޭ އައްޑު އަށް ވަޑައިގަތުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއި އެތަނުގެ އިސްވެރިން ވަނީ އަހުމަދުއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އައްޑޫ ރައްޔިތުންގެ ލޯއްބާއި އިހްތިރާމް ހޯއްދަވާފައިވާ އަހުމަދު ދުވަސްކޮޅަކަށް ނަމަވެސް އައްޑޫން ދިއުމާއި ގުޅިގެން އެތައް ބަޔަކު ވަނީ އެކަމުގެ ހިތާމަކޮށްފައެވެ. ޙާއްސަކޮށް އަހުމަދު އަށް ގަވާއިދުން ދައްކަމުން އައި މާބަނޑު އަންހެން ބޭފުޅުންނާއި އާއިލާތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަހުމަދު އަކީ ފަހުގެ ތާރީހެއްގައި ހިތަދޫ ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވި އެންމެ ރަނގަޅު އަންހެނުންގެ ހާއްސަ ޑޮކްޓަރެވެ.

ކުޑަހުވަދޫގައި ހުންނެވި މަދު ދުވަސްކޮޅުގައިވެސް އަހުމަދު ގެންދެވީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެނބުރި އައްޑޫއަށް އަންނާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

އަހުމަދު ކުޑަކުވަދޫގައި ހުންނެވައިގެން ސޯޝަލް މީޑިއާގައި ވަނީ އައްޑޫ ހާއްސަވާ ކަން އަންގައިދޭން ވަނީ އައްޑޫގެ ފަހުރު ކަމުގައިވާ ހުދުކުލައިގެ ދޮންދީނި އާއި ރާއްޖޭގެ އެހެން ރަށްތަކުގައި ގިނަ އަދި އައްޑޫން ނުފެންނަ ކާޅުގެ ފޮޓޯއެއް ހިއްސާ ކޮށް އައްޑޫ އާއި ކުޑަހުވަދޫގެ ތަފާތު ބުނެދީފައެވެ.