"އައްޑޫ ތަރައްޤީ ކުރަން" ބޭނުންވާ ފަރާތަކަށް ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ހުޅުވާލި ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވެފައި ވާއިރު އެ ފުރުސަތުތަކަށް އެދި ގިނަ ބަޔަކު ކުރިމަތިލާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުޅުވާލި ފުރުސަތަަށް އެދި ގިނަ ބަޔަކު ކުރިމަތިލާފައިވާ އިރު އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް ވެސް އެބަހުރި ކަމަށެވެ.
އައްޑޫގެ ތަރައްޤީގައި އަމިއްލަ ފަރުދުންގެ ހިއްސާ އިތުރު ކުރުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގައި ލިބިފައިވާ ޕްރޮޕޯސަލްތަކުގެ ތެރޭގައި އަމިއްލަ ގެސްޓް ހައުސް އައިސް ޕްލާންޓާއި ފެން ޕްލާންޓާއި އިންޓަނޭޝަނަލް ސްޓޭންޑާޑްގެ ސްވިމިން ޕޫލް އާއި ޑްރައިވިން ސްކޫލްގެ އިތުރުން ސްޕޯޓްސް ސެންޓަރު ފަދަ ވަސީލަތްތައް ގާއިމް ކުރުމަށް ހުށަހަޅާފައި ވާ ކަމަށް ކައުންސިލުން ބުންޏެވެ.
ސޯބެ އިތުރަށް ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ވެސް ގަނަ މަޝްރޫއުތަކެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެގޮތުން ވިލާ ގްރޫޕުން ފެން ފުޅި ބަންުކުރާ ޕްލާންޓަކާއި، އައިސް ޕްލާންޓެއްގެ އިތުރުން ގޭސް ޕްލާންޓެއް ހެދުމަށް ވަނީ ހުށަހަޅާފަ އެވެ.
ސޯބެ އަދި ވިދާޅުވީ އިތުރަށް ދިރާސާ ކުރުމަށް ފަހު އައްޑޫގެ ތަރައްޤީ އަށް ފައިދާ ހުރި މަަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން އެއްބާރުލުން ދޭނެ ކަމަށެވެ.