Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފުލުހުންގެ ތަހުގީގަކަށް އިތުބާރެއް ނުކުރެވޭ: ޔާމީންގެ ބައްޕަ

ފުލުހަށް ހުށަހެޅި ސިޓީތައް އަނބުރާ ހަވާލުކުރުމުން އެ ސިޓީ ތަކާއި އެކު ޔާމީން ރަޝީދުގެ ބައްޕަ ފުލުހުންގެ އިދާރާއިން ނިކުމެގެން ދަނީ.

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގރ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް އިތުބާރެއް ނުކުރެވޭ ކަމަށް އޭނާގެ ބައްޕަ ހުސެން ރަޝީދު ބުނެފި އެވެ.

ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ 35 ވަނަ އިންސާނީ ހައްގުތަކާ ބެހޭ ބައްދަލުވުމާއި ގުޅިގެން އެންޑީޓީވީ އަށް ހުސެން ރަޝީދު ދެއްވި ބަސްދީގަތުމެއްގައި ބުނެފައި ވަނީ ޔާމީންގެ މަރުގެ ހަގީގަތް ފޮރުވަން ދިވެހި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުސެން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ފަރާތުން ތަހުގީގު ކުރިއަށް ގެންދިއުމުގައި ޝައްކު ކުރެވޭ ކަންތައް ފެނިގެން ގޮސްފައިވާ ކަމަށެވެ.

އޭގެތެރޭގައި އަވަހަށް އެސަރަހައްދު ފުލުހުން ދޮވުމާއި އެސަރަހައްދު އެއްވެސް މީހަކަށް ފޮޓޯ ނެގުމުގެ ހުއްދަ ނުދިނުމާއި އެއިމާރާތުގައި ދިރިއުޅޭ އެއްވެސް މީހަކާއި ފުލުހުން ސުވާލުކޮށްފައި ނުވާ ކަމީ ތަހުގީގާއި މެދު ޝައްކު އުފެދޭ ކަމެއް ކަމަށް ހުސެން ރަޝީދު އެންޑީޓީވީއަށް ކިޔާދީފައިވެއެވެ.

ހުސެން ރަޝީދު ވަނީ އޭނާގެ ދަރިފުޅުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އ.ދގެ އެހީތެރިކަމަށްވެސް އެދިފައެވެ. ޔާމީންގެ މަރުގެ މައްސަލާގައި ހިމެނޭ ހުރިހާ އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލާފައި އޮތްވާ ފެނިފައިވަނީ އޭނާ ދިރިއުޅުނު ގޭގެ ސިޑިބަރި މަތިންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޔާމީން މަރާލުމުގައި ބައިވެރިވެފައިވަނީ 7 މީހެކެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.