Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ހަންކެޑެއިގެ މަގު ބަދަލު ކުރަން އައިސީސީ އާ ހަވާލުކޮށްފި

ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ކްރެސެންޑާސް އިން ރިސޯޓެެއް ތަރައްގީ ކުރާ ހަންކެޑެ އެތެރޭގައި މިހާރު އޮތް ލިންކު ރޯޑު ރަށުގެ އިރުމަތީ ފަރާތުން ހުޅަނގު ފަރާތަށް ބަދަލު ކުރުމަށް ނިންމައި އެ މަަސައްކަތް ކުރުމަށް ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އާ ހަވާލުކޮށްފައިވާ ކަމަށް އައްޑު ސިޓީ ކައުންސިލުން ބުނެފި އެވެ.

އައިސީސީއަކީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ތިން ރަށުގެ ބޮޑު މަގުގައި ތާރު އަަަޅައިގެން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކުންފުންޏެވެ.

މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ ލިންކް ރޯޑް ބަދަލު ކުރުމަށް ބޭނުންވާ ކުރެހުން ނިމި އެކަމުގެ އަމަލީ މަަސައްކަތް ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ. އަދި އެކަން ކުރާ އިރު ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމާ ގުޅޭ ގޮތުން އެ ކުންފުންޏާ އެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ އައްޑޫގެ ތިން ރަށެއްގެ މަގު ހަދަމުން އަންނަ އައިސީސީ އާއ ހަންކެޑެ މަސައްކަތް ހަވާލުކޮށްފައިވާ އިރު މަސައްކަތަށް ބޭނުންވާ ތަކެތި ރާއްޖޭން ބޭރުން ގެނައުމަށް އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަރަދޫ ބޮޑު މަގާއި ގުޅިގެން ހަދާ މި މަގު ހަންކެޑެ ހުޅަނގު ފަރާތުން އަރިމަތިން ގޮސް ގުޅޭނީ ގައުކެޑި ކޯޒްވޭ އާ ކަމަށް ސޯބެ ވިދާޅުވި އެވެ.

ކްރެސެންޑާސް އިން ހަންކެޑެ ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް އަންނަ މާޗް މަހު އައްޑު އަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލިންކު ރޯޑް ހަންކެޑެ ތެރެއިން ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅީ ވެސް ކްރެސެންޑާސްއިންނެވެ.

ހައުސިން މިނިސްޓްރީން ވަނީ މިދިޔަ އަހަރު ލިންކު ރޯޑް ރީލޮކޭޓް ކުރުމުގެ ހުއްދަ ކްރެސެންޑާސް އަށް ދީފައެވެ. އަދި މި މަސައްކަތުގެ ހަރަދު ބަލަހައްޓަނީ ކްރެސެންޑާސް އިންނެވެ.

ހަންކެޑެއިގައި 100-200 އެނދުގެ ފަހެއް ނުވަތަ ހަތަރު ތަރީގެ ރިސޯޓެއް ތަރައްގީކޮށް ނިންމައި، އަންނަ އަހަރު ހުޅުވާ ގޮތަށް ކްރެސެންޑާސް އިން ވަނީ ޕްލޭންކޮށްފަ އެވެ.