Last Updated: June 23, 11:50
Tuesday, June 23, 2026
ކުޅިވަރު

ލިންޑެލޮފް މެންޗެސްޓާ ޔުނައިޓެޑަށް

ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުން އަންނަ ސްވިޑެންގެ ޑިފެންޑަރު ވިކްޓާ ލިންޑެލޮފް އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ގުޅުމަށް އެއްބަސްވެއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ލިންޑެލޮފް ކުލަބަށް ގެނައުމަށް ބެންފީކާއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ޔުނައިޓެޑުން އޭނާ ގަތުމަށް ހުށައެޅި އަގެއް ހާމަކޮށްފައެއް ނުވެއެވެ. އިނގިރޭސި މީޑިޔާތަކާއި ހަވާލާދީ އީއެސްޕީއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުން ވަނީ 22 އަހަރުގެ ޑިފެންޑަރަށް 30.7 މިލިއަން ޕައުންޑުގެ އަގެއް ހުށައަޅާފައެވެ.

މިދިޔަ ފިނިމޫސުމުގެ ޓްރާންސްފާ ވިންޑޯގައިވެސް ލިންޑެލޮފް މެންޗެސްޓާ ޔުނައިޓެޑާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މޮރީނިއޯ ބުނެފައިވަނީ އޭނާ އަކީ ޖެނުއަރީ މަހު ކުޅުންތެރިން ގަންނަ ކޯޗެއް ނޫން ކަަމަށެވެ.

މިޓްރާންސްފާގައި ޔޫރޮޕުގެ ބޮޑެތި ނަންތައް ޔުނައިޓެޑާއި ގުޅުމުގެ އަޑުތައް ފެތުރިފައިވާއިރު ރިއަލްގެ މޮރާޓާ އަދި ހަމޭސް ރޮޑްރިގޭޒް އޮލްޑް ޓްރެފޮޑްއަށް އަންނަން އުޅޭ ވާހަކަ އަކީ މިދުވަސްކޮޅު އެންމެ ގަދައަށް އިނގިރޭސި އަދި ސްޕެއިންގެ މީޑިޔާގައި ދެކެވޭ ވާހަކައެވެ.