Last Updated: April 30, 19:33
Tuesday, April 30, 2024
ކޮލަމް

އަޅުގަނޑުގެ ފިކުރު!

ތިޔައީ ބާޣީންނެވެ. މިހާރުމިއޮތީ ބާޣީސަރުކާރެކެވެ. މާގިނަ ދުވަހެއްނުވެ މިވެރިކަން ވައްޓާލާނަމެވެ. މިވެނި ޕާޓީއެއްގެ ލީޑަރަކީ ވެސް ބާޣީއެކެވެ. އޭނައަކީ ކިބުރުވެރި ބޮޑާމީހެކެވެ. އޭނައަކަށް ދުވަހަކު މިގައުމުގައި ވެރިކަމަކަށް ނާދެވޭނެ އެވެ. އެއީ ދެހާސް މީހުން ހަމަނުވާ ޕާޓީއެކެވެ.

މީގެ ކުރިން އޭނައަށް ވޯޓް ލިބުނަކަސް، ދެން އޭނައަށް ވޯޓްދޭނެ މީހަކު މިހާރު ނެތެވެ. ކޮފީތަށިން ފޮދުވަރެއް ބޯލުމަށްފަހު އަޅުގަޑާއި ދިމާލަށް ވަރަށް ރުޅިވެރި ކަމާއެކު ބަލާލުމަށްފަހު އޭނަ ބުނެލި އެވެ. މިފަދަ ކިތެންމެ ހާސަރުތަކެކެވެ. އަދި މިފަދަ ކިތެންމެ މުއާމަލާތްތައް ދޭދޭ ފަރުދުންގެ މަދުގައިވެސް ހިނގާ މަންޒަރު ކޮންމެ ދުވަހަކުހެން އަޅުގަޑުމެންނަށް ފެނެއެވެ. އަޅުގަޑުގެ އެކުވެރިޔާ އިނީ އަޅުގަނޑުގެ ކުރިމަތީގައިވާ މޭޒުގެ އަނެތް ފަރާތުގައި ކޮފީއެއް ބޯށެވެ. އެއީ އަޅުގަޑުގެ ރައްޓެއްސެކެވެ. އާއިލީ ގޮތުން ގުޅިފައިވާ މީހެއްވެސް މެއެވެ. އޭނައާއި އަޅުގަޑާއި ދެމެދު ޒާތީ އެއްވެސް ކަމެއް ނެތެވެ. އޮތްހާ ވެސް ކަމަކީ ވިސްނުމާއި ފިކުރުގެ ތަފާތެކެވެ.

ގަބޫލުކުރާ ގޮތްތަކުގެ ތަފާތެކެވެ. މިވާހަކަތައް އަޑުއެހުމަށްފަހު އަޅުގަޑު ހިތަށް އެރީ މިވާހަކަތަކަށް ފުރިހަމަ ރައްދެއް ދީފިނަމަ އަރާރުމަކަށް ބަދަލުވެ އިތުރު ހައިޖާންތަކެއް ފެށިދާނެ ކަމަށެވެ. އަޅުގަޑުގެ ކުރިމަތީގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ އޭނައަށް އެއްވެސް ވަރަކަށް ރައްދުނުދީ ހަނުހިމޭންކަން އިޚުތިޔާރުކުރުމެވެ. ދެވަނަގޮތަކީ އޭނައަށް ވަރުގަދަ ރައްދެއް ދިނުމެވެ. އަޅުގަޑު ޚިޔާރުކުރީ ފުރަތަމަގޮތެވެ. ޒުވާބުކުރުމާއި ތަޅާފޮޅުމުގައި އަޅުގަޑަކީ ހިތްވަރުގަދަ ކެރޭ މީހެއްނޫނެވެ. އަބަދުވެސް މީހުންނާއި ޒުވާބުކޮށް އަރައިރުންވެ ހައިޖާންތަކުން ސަލާމަތްވެ ހުރެވޭތޯ ވީވަރަކުން ބަލަމެވެ. އަދިހަމަ ވީވަރަކުން އެންމެންނާއިވެސް އެކުވެރިކަމުގެ ގުޅުން ބޭއްވޭތޯ ވެސް މަސައްކަތް ކުރަމެވެ.

އަޅުގަނޑުގެ ވިސްނުމާއި ފިކުރު އަދި ޚިޔާލުތަފާތު މީހަކާއި ބައްދަލުވެ ދެއްކޭ ވާހަކައަކުން ޒުވާބަކާ ހަމައަށް ގޮސްފިނަމަ ދެންބަލަނީ އޭނަކާރިން އަވަހަށް ސަލާމަތް ވެވޭނެ ގޮތެކެވެ. ނޫން. އަޅުގަޑަށް އެމީހަކާއެކު ޒުވާބަކަށް ނުގޮސް، ކަންކަމުގައި ބަހުޘު ކުރެވޭނަމަ އެމީހަކާ އެކު ޚިޔާލު ބަދަލުނުކުރާ ވާހަކައެއްނޫނެވެ.
މި މުޖުތަމަޢުގައި ބައެއްމީހުންނަކީ އެމީހަކަށް ހީވާ ހީވުންތަކުގެ މައްޗަށް ނުވަތަ އިވޭ އަޑުތަކުގެ މައްޗަށް މާބޮޑަށް ބެލުމެއްނެތި ކަންކަން ގަބޫލުކޮށް އޭގެމައްޗަށް ވާހަކަދައްކާ މީހުންނެވެ. އެހެންކަމުން އެފަދަ މީހުންނަށް ރައްދު ދިނުމަކީ އެއަކުން އެއްވެސް މަންފާއެއް ކުރާނެ ކަމެއް ނޫންކަންކަށަވަރެވެ.

މިއަދު އަޅުނގަޑުމެން މިވަނީ ސިޔާސީ ތަފާތު ކުލަތަކަށް ބެހިފައެވެ. ކޮންމެ މީހަކީ ސިޔާސީ ބޮޑު މުފައްކިރެކެވެ. އަދި އެމީހަކުނިސްބަތްވާ ޕާޓީ ނުވަތަ އޭނަގަބޫލުކުރާ ގޮތަކީ އެއީ އެންމެ ރަގަޅު ގޮތެވެ. ކޮންމެ ބަޔަކުވެސް ގަބޫލުކުރަނީ ތިމާއާއި ޚިޔާލުތަފާތުވާ މީހުންނަކީ މަގުފުރެދިފައިވާ މީހުން ކަމަށެވެ.
އަދި އެމީހުންނަކީ ތަންދޮރު ނުދަންނަ މީހުންކަމަށްވެސްމެއެވެ. ގިނަމީހުންގެ ވިސްނުން މިވަނީ ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކު ތުހުމަތު ކުރަނީ އެމީހުންގެ ފިކުރާއިދެކޮޅު މީހުންނަކީ ބާޣީންކަމަށެވެ. އަނެއްބައި މީހުން ތުހުމަތު ކުރަނީ އެމީހުންގެ ފިކުރާއި ދެކޮޅު މީހުންނަކީ ލަދީނީ މީހުންކަމަށެވެ. ނުވަތަޚާއިނުންކަމަށެވެ.

މިކަމުގެ ސަބަބުން އާއިލާތެރޭގައި އޮންނަންޖެހޭ ރަހިމުގެ ގުޅުން އަދި މުޖުތަމަޢުގައި އޮންނަންޖެހޭ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ކުރިއަށް އޮތީ އިންތިޚާބީ މޫސުމެވެ. ފިތުނަފަސާދައާއި ހަސަދަވެރިކަން އިންތިހާއަށް މައްޗަށް ދާނެކަން ކަށަވަރެވެ.

މި ފުރުސަތުގައި ކޮންމެ މީހަކުވެސް ކަންކަމުގައި ބުއްދި އިސްކުރުމަކީ އެންމެ ރަގަޅު ގޮތެވެ. ތިމާ ނިސްބަތްވާ ޕާޓީއަށް ވުރެ ތިމާގެ ދީނާއި ގައުމަށް އިސްކަންދިނުން ހާސް ބައި މޮޅެވެ. މިކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިޢާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބުމަކީ ދުރުކަމެއްނޫނެވެ. ތިމާގެ ވިސްނުމާއި ފިކުރު ވިއްކަން މަސައްކަތް ކުރަންވީއެވެ.

ކަންކަން އިސްލާޙުކުރަން ވާހަކަ ދައްކަންވީ އެވެ. ޚިޔާލުފާޅުކުރަންވީއެވެ. އެކަމަކު ވަކިމިންގަޑެއްގެ ތެރޭގައެވެ. އަނެކުންގެ ވިސްނުމަށް އިޙުތިރާމް ކުރަމުންނެވެ. ތިމާ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން އަނެކާއަށް ގެއްލުމެއްވެދާނެކަމަށްވާނަމަ އޭނަގެ ކިބައިން މާފަށްއެދުމަކީ ދެރަކަމެއް ނޫނެވެ.

ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަންވީ ވީވަރަކުން ކަންކަން ރަގަޅުކޮށް އިސްލާޙު ކުރާށެވެ. ފިތުނަވެރިކަމާއި ޙަސަދަވެރިކަން އުފެއްދުމަކަށްނޫނެވެ. ވަކިސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ލީޑަރަކަށް ސަޕޯޓް ކުރުމަކީ ގައުމުގައި އޮތް ހަމަޖެހުމާއި އަމާންކަންގެއްލި އާއިލާގެ ތެރޭގައި ހަމަނުޖެހުންތައް އުފެދިގެންދާންޖެހޭނެ ސަބަބެއް ނޫނެވެ. އަޅުގަޑުމެން އެދީނަކަށް ތަބާވެގެން ތިބި މަތިވެރި އިސްލާމްދީން އަޅުގަޑު މެންނަށް އަމުރުކުރައްވަނީ ސުލްހައަށް މަސައްކަތް ކުރުމަށެވެ. ކީރިތި ޤުރުއާނުގައި ﷲވަހީ ކުރައްވަނީ : فاتقوا الله وأصلحوا ذات بينكم . "ފަހެތިޔަބައިމީހުން ﷲ އަށްބިރުވެތިވެ ތިޔަބައިމީހުންގެ މެދުގައި އިސްލާޙު ކުރާށެވެ."

އެންމެންވެސް އިސްލާޙަށް މަސައްކަތް ކުރަމާ ހިނގާށެވެ. ތިމާގެ އަޚާއާއި އަދާވާތްތެރި ނުވާހާލުގައެވެ. ރުޅިވެރިކަމާއި ފިތުނަވެރިކަމަށް ޖާގަ ނުދެމާހިނގާށެވެ. މިދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާންކުރާށެވެ. ފަނާވުމެއްނެތް ދުނިޔޭގައި ލިބޭނެ ސުވަރުގޭގެ ނިމުމެއްނެތް ލައްޒަތާއި އަރާމުގެ މަތިން ހަނދާންކުރާށެވެ. އަދި ނަރަކައިގެ ވޭނެދެނިވި ޢަޒާބާއި ކެކުޅުން ހިތްމައްޗަށް ގެންނާށެވެ.
އެއަށް ފަހު ރުޅިވެރިކަމާއި ފިތުނަފަސާދައިން އެއްކިބާވެތިބެ އިސްލާހުގެ މަސައްކަތް ފަށާށެވެ. އަދި ތިމާނިސްބަތްވާ ޕާޓީއަށް ކާމިޔާބު ހޯދަން މަސައްކަތް ކުރާށެވެ. ކީރިތި ﷲގެ މަދަދާއިއެހީ އަދި ނިޢުމަތާއި ރަޙުމަތަށް އެދޭ ހާލުގަ އެވެ.