ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެއެވެ.
"މިހާރު" ނޫހަށް އެމަނިކުފާނު ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން ހައްޔަރު ކުރައްވަފާނެތީ ބިރުން ރާއްޖެ ނައިސް ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އިތުރަށް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނަކީ އެފަދަ ކަންކަމާއި މާބޮޑަށް ހާސްވެވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫނެވެ.
މިދިޔަ މާޗު މަހު 8 ވަނަ ދުވަހު ރައީސް މައުމޫން ވަނީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޮ، ފަރީޝާ އިބްރާހިމްއަށް ޒިޔާރަތް ކުރުމަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ފަރީޝާ ސިންގަޕޫރުގައި ވަނީ އަވަހާރަވެފައެވެ.
ރައީސް މައުމޫން ވެރިކަމަށްފަހު ދޭތެރެ ދޭތެރެއިން ސިންގަޕޫރަށް ދަތުރުކުރައްވައެވެ. ނަމަވެސް މިފަހަރު ސިންގަޕޫރުގައި އެމަނިކުފާނު ޓެކްސީއެއްގައި ދަތުރުކުރި ފޮޓޯ އާންމުވެ ގިނަ ބަޔަކު ވަނީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ލިބެން ޖެހޭ އިނާޔަތްތަކުން އެމަނިކުފާނު މަހްރޫމް ވެފައިވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.