މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް ތޮއްޔިބު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ތޮއްޔިބް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާދަމާ 12 ޖަހާއިރުަށް އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. ޓްވީޓްގައި ތޮއްޔިބް ބުނެފައި ވަނީ އދޮގު މައުލޫމާތު ފެތުރުމުގެ ތުހުމަތުގައި ކަމަށެވެ.
ޖެހިލުމެއްނެތި ސޯޝަލް މީޑިޔާގައި ކޮރަޕްޝަނާއި ސަރުކާރު ތެރޭގައި ހިނގާފައިވާ ތަފާތު ކަންތައް ސޯޝަލް މީޑިޔާގައި ހިއްސާކުރަމުން ގެންދާ ތޮއްޔިބް މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
"ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމަކީ ފަރުދީ ޒިންމާއެއް. އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން. އަޅުގަނޑުގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ. ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ވެދުން" ފުލުހުންގެ ބަންދުގައި ހުރެ މީގެ ކުރިން ތޮއްޔިބް ބުނެފައިވެއެވެ.
ފާއިތުވި މާރޗް މަހުގެ ތެރޭގައި ތޮއްޔިބް ހައްޔަރުކުރުމަށް ފަހު އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ބަންދުން ދޫކޮށްލީ ހައިކޯޓުންނެވެ.
އެފަހަރު ބަންދުގައި ހުރެ ތޮއްޔިބްގެ ފަރާތުން އާންމުކުރި ނޯޓެއްގައި ބުނެފައި ވަނީ ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.