Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ކަޒިންސް/ވެލާ: އެތައް ގޮތަކުން ފޯރިގަދަ ވާނެ މެޗެއް

ކަޒިންސް އެފްސީގެ ޓީމް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކަޒިންސް އެފްސީ އާއި ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓް ބައްދަލުކުރާ މެޗަކީ އެތައް ގޮތަކުން ފޯރިގަދަވާނެ މެޗެކެވެ.

މިރޭގެ މެޗްގައި ފެނިގެންދާނީ، މަދުރަސީ ދައުރުން ފަށައިގެން "ބެސްޓް ބަޑީޒް" ގޮތުގައި ތިބި އެކުވެރިންގެ ކުރިމަތިލުމެކެވެ.

ވެލާ ޓީމު ގޮވައިގެން މުހައްމަދު ނިހާދު(ނިއްދޭ) މިރޭ، އެ ޓީމަކާއި ދެކޮޅަށް ނިކުންނަ ކަޒިންސް އެފްސީގެ ކޯޗަކީ، ނިއްދޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ޒާހިރެވެ.

ނިއްދޭ އާއި އިބްރާހިމް ޒާހިރު ވަނީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފްގައި އެކުގައި މަސައްކަތް ކޮށްފައެވެ.

މީގެ އިތުރުން ކަޒިންސް އެފްސީގެ އެސިސްޓެންޓް ކޯޗަކީ އެންމެ ކުޑައިރުއްސުރެ ނިއްދޭގެ ގާތް ރަހުމަތްތެރިއެއް ކަމުގައިވާ އަލީ ނިހާދެވެ. އަލީ ނިހާދުގެ މެނޭޖަރު ކަމުގެ ދަށުން ކަޒިންސް އެފްސީ އިން ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވާދަކުރި އިރު ނިއްދޭ ވަނީ އެ ޓީމަށް ކުޅެފައެވެ.

'އައްޑޫލައިވް އާއި ވާހަކަ ދައްކަމުން ވެލާ ޓީމުގެ ކޯޗް ނިއްދޭ ބުނީ، އެންމެ ގާތް ދެ އެކުވެރިންގެ ޓީމާއި ދެކޮޅަށް ނިކުންނަން ޖެހުމަކީ މެޗް ޚާއްސަ ވެގެންދާނެ ކަމެއް ކަމަށެވެ.

" އެންމެ ބެސްޓް ބަޑީޒް އާއި ދެކޮޅަށް މި ނިކުންނަނީ، އެއީ މެޗް ޚާއްސަ ވާނެ ސަބަބެއް. އެހެން ނަމަވެސް ހުރިހާ ވެސް ވިސްނުމެއް ހުރީ ޓީމުން (ވެލާ ޓީމުން) މިރޭގެ މެޗް ކާމިޔާބު ކުރުމަށް."

މުބާރާތުގައި މިހާތަނަށް 3 މެޗް ކުޅެފައިވާ ކަޒިންސް އެފްސީއަށް ކުއާޓާ ފައިނަލަށް ދިއުމަށް ހަނި ފުރުސަތެއް އޮތް އިރު މިރޭގެ މެޗް ކާމިޔާބުކުރުން ނޫން ގޮތެއް އެ ޓީމަކަށް ނެތެވެ.

ކަޒިންސް އެފްސީއަށް ކުއާޓާގެ ޖާގަ ލިބޭނީ މިރޭ ވެލާ އަތުން މޮޅުވެ، ގްރޫޕްގެ ފަހު މެޗްގައި އެފްސީ ހަބޭސް އަތުން ވެލާ ބަލިވެއްޖެ ނަަމައެވެ. އެހެންވެ ކަޒިންސް އެފްސީގެ ހުރިހާ ވެސް ވިސްނުމެއް ހުރީ މެޗުން މޮޅުވެ 3 ޕޮއިންޓް ހޯދުމަށް ކަމަށް އެޓީމުން ބުނެއެވެ.

"މިރޭ މި ނިކުންނަނީ މޮޅަކަށް. ވެލާ ޓީމުގައި ނިއްދޭ ހުރުމަކީ މެޗްގެ ފޯރިގަދަވާނެ ކަމެއް. އުއްމީދަކީ މެޗް ކާމިޔާބުކޮށް 3 ޕޮއިންޓް ހޯދުން" ކަޒިންސް އެފްސީގެ އޮފިޝަލަކު ބުންޏެވެ.

ކަޒިންސް އެފްސީއަށް ވުރެ އެއް މެޗް މަދުން ކުޅެފައިވާ ވެލާ ޓީމަށް މިހާރު ވެސް 6 ޕޮއިންޓް ލިބިފައިވާއިރު މިރޭގެ މެޗް ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. އަދި މިރޭގެ މެޗުން ބަލިވިޔަސް ގްރޫޕްގެ ފަހު މެޗްގައި ހަބޭސް އާއި ކުޅެ ޕޮއިންޓެއް ހޯދި ނަމަވެސް ކުއާޓާގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެއެވެ.

މި ގްރޫޕްގެ ތާވަލަށް ބަލާއިރު އެފްސީ ހަބޭސް އިން ވަނީ ކުޅުނު 3 މެޗް ކާމިޔާބުކޮށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ.