Last Updated: June 11, 18:22
Thursday, June 11, 2026
ވިޔަފާރި

"ބިން މޯގޭޖްކޮށް ލޯން ލިބޭނެ ފަސޭހަ ގޮތެއް ހޯދައި ދޭނަން"

އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ބިން މޯގޭޖް ކުރުމުގައި ވަރަށް ގިނަ ދަތިތަކެއް ހުރި ކަމަށާއި އަތޮޅު ތެރޭގައި ހުރި ބިމާއި ޢިމާރާތްތައް މިވަގުތު މޯގޭޖްކޮށް ދެނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށް ވިޔަސް އެހެން ބޭންކުތަކުން ވެސް މޯގޭޖްކޮށްގެން ލޯނު ދިނުމުގެ ޕްރޮގްރާމެއް ފެށޭތޯ މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ޤާނޫނުތައް ހެދުމުގައި ވެސް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ މަސީގެ ކޮންސްޓްރަކްޝަން ވޮކޭޝަނަލް ޓްރެއިނިން ފެސިލިޓީ ބިނާ ކުރުމަށް، ސަރުކާރުން މޯލްޑިވްސް އެސޯސިއޭޝަން ފޮ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާ ހަވާލުކުރައްވާ ބިން ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމާއި، ރާއްޖޭގެ ވަޒީފާދޭ ފަރާތްތައް ތަމްސީލު ކުރާ ޖަމްޢިއްޔާތަކުގެ ފެޑެރޭޝަން އުފެއްދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މަސީ އަށް ޢިމާރާތެއް އަޅާނެ ބިމެއް ސަރުކާރުން ހަވާލުކުރެއްވީ، އެ ޢިމާރާތުގެ ސަބަބުން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެތީ ކަމަށް ރައީސް ވިދާޅިވި އެވެ.

ޓްރޭޑަސް ހޮޓެލްގައި ރޭ އޮތް މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޢިމާރާތްކުރަން ފަށާފައިވާ ޢިމާރާތްތަކުގެ ތެރެއިން ނުނިމި ހުރި ތަންތަން ނިންމުމަށްޓަކައި ސަރުކާރުން ގެރެންޓީ ދީގެން މޯލްޑިވްސް ހައުސިން ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ތެރެއިން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާގެ އެހީ ވަރަށް ގިނަ ޢާއިލާތަކަށް ލިބޭ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ޕްރޮގްރާމް ފެށުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު ދިރުމެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އޭގެ ސަބަބުން މުޅި އިޤްތިޞާދަށް ވެސް ދިރުން ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އުޅުއްވާ ފަރާތްތަކަށް، ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މާބޮޑު އެހީތެރިކަމެއް ލިބިފައިނުވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ހިންގާ ޢިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގަނީ ބޭރު މީހުން ކަމަށާއި، އެހެންވުމުން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ މަސައްކަތްތައް މަދުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސީ އާ ހަވާލުކުރައްވާ ބިން ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަ ޑރ. މުޙަންމަދު މުޢިއްޒެވެ. މަސީގެ ފަރާތުން ސޮއި ކުރެއްވީ މަސީގެ ރައީސް މުޙަންމަދު ޢަލީ ޖަނާޙެވެ.

ރާއްޖޭގެ ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް ގުޅިގެން އުފައްދާ ފެޑެރާޝަން އުފެއްދުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މަސީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމްއިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓަސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް އާއި ރެސްޓޯރަންޓް އެސޯސިއޭޝަނާއި ލިވް އަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.