މި މަހުގެ 4 ވަނަ ދުވަހު ހަވީރު ތި މީހުންނާއި އެކު މަހަށް ނިކުމެ އުޅެނިކޮށް އެމީހުން ދަތުރުކުރި ލޯންޗް "ބަންޑުން ޖަހާލި" ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ފުލުހުންގެ ކޯޕްރަލް މުހައްމަދު ސުމެއިދު ދަތުރު ކުރި ލޯންޗް ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ އެ މައްސަލައިގެ އިތުރު ތަހްގީގަށް ލޯންޗް ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައިވާ ކަމަށެވެ.
ނަމަވެސް މިހާދިސާ ހިނގި ވަގުތު ސުމައިދު އާއި އެކު ލޯންޗްގައި ތިބި ދެމީހުންކަމަށްވާ އަހުމަދު ނާފިއު އާއި ހުސެއިން ސައީދު ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް މި ދެ މީހުންގެ ބަޔާން ފުލުހުންގެ ތަހުގީގަށް ވަނީ ނަގައިފަ އެވެ.
ސުމެއިދުމެން ދަތުރު ކުރި ލޯންޗް "ބަންޑުން" ޖަހާލި ކަމަށް އެ ލޯންޗުން ސަލާމަތްވި ހުސެއިން ސައީދު އާއި ނާފިއު ބުނި ނަމަވެސް ފުލުހުން ބުނީ ލޯންޗް ބަންޑުން ޖަހާލިކަން ޔަގީން ނޫން ކަމަށެވެ.
މި މައްސަލަ ތަހްގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އައްޑޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ ޖޫން 4 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ކަމަށް އެރޭ ފުލުހުންނާއި އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެ ވަގުތުން ފެށިގެން ކަނޑާއި ވައިގެ މަގުން ސުމެއިދު ހޯދުމަށް 127،500 އަކަ މީޓަ ސަރަހައްދެއް އެމްއެންޑީއެފްއިން ވަނީ ބަލާފައެވެ. ނަމަވެސް އަދި މިހާތަނަށް ސުމެއިދުގެ އެއްވެސް ހަބަރެއް ނުވެއެވެ.