ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ރަމަޟާން މަހު ގޭ ބަންދަށް ބަދަލު ކޮށް ދިނުމަށް ކަރެކްޝަން ސާވިސްގައި އެދުމުން އެފުރުސަތު ދެވެން ނެތްކަމަށް އާއިލާއަށް އަންގައިފިއެވެ.
ރަމަޟާން މަހާއި ދިމާކޮށް ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ގޭ ބަންދަށް ބަދަލު ކުރުމާއި ގުޅިގެން އަދީބްގެ އާއިލާއިން ކަރެކްޝަނަލް ސާވިސްއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ އާއިލާއިން އެދުނު ގޮތަށް ގޭ ބަންދަށް ބަދަލުކޮށް ދެވެން ނެތް ކަމަށެވެ.
އަދީބްއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަށްވެސް ވަނީ އެދިފައެވެ. ނަމަވެސް އަދި ފުރުސަތެއް އަދީބަށް ލިބިފައި ނުވެއެވެ. އަދީބްއަށް ނުހައްގުން ޖަލުގައި އަނިޔާ ނުދިނުމަށް ކުރީގެ ރައީސް މައުމޫން އާއި އިދިކޮޅު ސިޔާސީ ވެރިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ރައީސް އަބދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ރާއްޖޭގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ކޮރަޕްޝަން އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު މައްސަލަ އަދީބްގެ މައްޗަށްވަނީ ސާބިތުވެފައެވެ.