ތެލުގެ ބާވަތްތަކުން އެއްގޮތަކަށްވެސް ޑިއުޓީ ނުނެގުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.
ތެލުގެ ޑިއުޓީ 10 އިންސައްތައިން 5 އިންސައްތައަށް ކުޑަކުރުމަށް ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ކުރުމަށް މަޖްލިސްއަށް ހުށަހެޅި އިސްލާހުގެ ބަހުސް މަރުހަލާގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވީ ތެލުން އެއްގޮތަކަށް ވެސް ޑިއުޓީ ނުނެގުމަށެވެ.
އަސްލަމް ވިދާޅުވީ 2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ތެލުން ޑިއުޓީ ނުނެގުމަށް ނިންމީ އެތައް ގޮތަކުން ދިރާސާ ކުރުމަށްފަހު ރައްޔިތުންނަށް ލުއެއް ހޯދައި ދިނުމުގެ މަގްސަދުގައި ކަމަށެވެ. އަސްލަމް ވިދާޅުވީ ޖީއެސްޓީ ތައާރަފް ކުރުމާއި ގުޅިގެން ތެލުން ޑިއުޓީ ނުނަގަން އޭރުގެ ސަރުކާރުން ނިންމި ނަމަވެސް 2014ވަނަ އަހަރު އަނެއްކާވެސް މި ސަރުކާރުން ގާނޫނަށް އިސްލާހު ގެނެސް 10 ޕަސެންޓް ނަގަން ނިންމުމަށްފަހު އަނެއްކާ 5 ޕަސެންޓް ކުޑަކުރަން ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށެވެ.
އަސްލަމްގެ ވާހަކަތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ތާއިދު ކުރައްވާފައެވެ. އިބޫ ވިދާޅުވީ މަޖްލިސްއިން މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި އާމްދަނީ ހިމަނާފައިވަނީ ތެލުން ނަގާ 10 ޕަސެންޓް ޑިއުޓީ އާއި އެކު ކަަމަށެވެ. އެހެންވެ އެ އަދަދު ދަށް ކުރުމުން މުޅި ބަޖެޓަށް އޭގެ އަސަރު ފޯރާއިރު އެކަން ހައްލު ކުރާނެ ގޮތް ސަރުކާރުން ބުނެދޭން ޖެހޭ ކަމަށެވެ.
މި ބިލްގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ ޑިއުޓީ ކުޑަކުރަން ނިންމި ނިންމުމާއި މެދު ސުވާލު އުފައްދާފައެވެ. އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޤަފޫރު މޫސާ ވިދާޅުވީ ގަތަރާއި އެކު އޮތް ގުޅުން ކަނޑާލުމުން ސައުދީން އަގު ހެޔޮކޮށް ތެޔޮ ދޭން ފެށީތޯ ސުވާލު އުފައްދަވާފައެވެ. އަދި މިގޮތަށް ޑިއުޓީ ކެނޑިއަސް އާއްމު ރައްޔިތު މީހާއަށް މާ ބޮޑު މަންފާއެއް ނުލިބޭކަމަށް ގިނަ މެމްބަރުން ފާހަގަ ކުރިއެވެ.
މި އިޞްލާޙް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޕީޕިއެމްގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ މިއީ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފޮނުވި ބިލެއްކަމަށެވެ.
މި ބިލް ސަރުކާރުން މަޖިލީހަށް ފޮނުވި ބޭނުންތަކުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެއްޗާއި އެހެންވެސް އަސާސީ ބާވަތްތަކުގެ އަގުދައްކުރުމަށް މަހުފަހިކުރުން ހިމެނޭކަމަށް ނިހާން ވިދާޅުވިއެވެ.