Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ވަސީމްގެ ހާލު ރަނގަޅު، އެކަމަކު އަދިވެސް އައިސީޔޫގައި: އޭޑީކޭ

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށް ރީތިރަށް ރިސޯޓް ބޭރުގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އެންމެ ސީރިއަސް އަނިޔާ ލިބުނު މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ އަށް މިވަގުތު ފަރުވާ ދެމުން އަންނަ އޭޑީކޭ އިން ބުނެފި އެވެ.

އޭޑީކޭގެ މެނެޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ ވަސީމްގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އޭނާ ވިދާޅުވީ ވެންޓިލޭޓަރގެ އެހީގައި އޮތް ވަސީމް މިހާރު ވަނީ ވެންޓިލޭޓަރުން ނައްޓާފައިވާ ކަމަށާއި ލިބުނު ގެއްލުމާ ބަލައި ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ވަސީމް ވޯޑަށް ބަދަލު ކުރެވޭނެ ކަމަށް އައްފާލު ވިދާޅުވި އެވެ.

އެކްސިޑެންޓާ ގުޅިގެން ވަސީމްގެ ބޮލަށް ލިބުނު ގެއްލުމާ ގުޅިގެން ބޮޑު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި އޮޕަރޭޝަނަށް ފަހު 72 ގަޑިއިރަށް ވެންޓިލޭޓަރުގެ އެހީގައި ވަސީމަށް ވަނީ ފަރުވާ ދީފަ އެވެ.

ވަސީމްގެ ހާލު ސީރިއަސްކަމުން އާއިލާއިން ވަސީމް އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް އާއްމުންގެ އެހީތެރި ކަމަށް ވެސް އެދުނެވެ.

މިއެކްސިޑެންޓްގައި 14 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު އިރު އެންމެ ނާޒުކު ހާލަތަށް ދިޔައީ ވަސީމްއެވެ.