Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ފައިސާތަކެއް ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

މާލޭގައި ރޭގެ ދަންވަރު ވަގުތެއްގައި މީހަކަށް ބިރު ދެއްކުމަށްފަހު ފައިސާތަކެއް ފޭރިގަތް 24 އަހަރުގެ އަންހެނަކާއި 21 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭ ދަންވަރު 1:45 އެހާކަށްހާއިރު ދެމީހުން ވެގެން މީހަކަށް ބިރުދެއްކުމަށްފަހު 3،500 ރުފިޔާ ވަނީ ފޭރިގެންފައެވެ.

މި ރަމަޟާން މަހު މާލޭގައި ފޭރުމާއި ވައްކަން ކުރުން އިތުރުވެފައިވާއިރު ބައެއް ސަރަހައްދުތަކުން ތަކުރާރުކޮށް މީހުންނަށް ބިރުދައްކައި ފޭރޭ ކަމަށް ޚަބަރު ލިބިފައިވެއެވެ.

ދާދި ފަހުން މާލޭގެ ގެއަކަށް ވަދެ ގޭގެ މީހުންނަށް ކަޓަރުން ބިރު ދައްކައި ފޯނާއި، ލެޕްޓޮޕް އަދި ފައިސާތަކެއް ވަނީ ފޭރިގެންފައެވެ. ފުލުހުން ވަނީ މިފަދަ ކުށްތައް ފަސްޖެހުމެއް ނެތި ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.