Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ޓީވީގައި ދެއްކި ވާހަކައަކަށް ތަހުގީގު ކުރަން ޖަލަށް ލާކަށް ނުޖެހޭ: ސުއޫދު

މީހަކު ޓީވީގައި ދެއްކި ވާހަކައަކާ ގުޅިގެން ތަހްގީގު ކުރުމަށް ޖަލަށްލާފައި ބަހައްޓާކަށް ނުޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އަދި އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަހްގީގު ކުރަމުންދާ މައްސަލައަކީ "ސަންގު ޓީވީ" ގައި އާޒިމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކަމަށް އޭނާގެ ވަކީލުން ބުނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ގާނޫނީ ސަރުކާރު ވައްޓާލުމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލޭގޮތަށް އާޒިމް މަސައްކަތް ކުރައްވަމުންދާ ކަމުގެ ތުހުމަތުގައި އާޒިމް ހައްޔަރުކޮށް ބަންދުގައި ބަހައްޓަން 6 ދުވަސް ވަނީ ޖަހާފައެވެ.

އާޒިމްގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ އާޒިމް އާއި ފުލުހުން ސުވާލު ކުރަނީ "ސަންގު ޓީވީ" ގައި ދެއްކެވި ވާަހަކަ ތަކަކާއި ގުޅިގެން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އާޒިމަށް ތުހުމަތުކުރަނީ ގާނޫނުލް އުގޫބާތުގެ 532، 533 އަދި 610 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގެ ދަށުން ތުހުމަތުކުރީ ފަހުން މި ތަހުގީގުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.