އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.
ކެޝަޕްއާ ކައުންސިލް ބައްދަލުކޮށްފައި ވަނީ އިއްޔެ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ކައުންސިލާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ކެޝަޕް ވަނީ އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީ އާއި ވެސް ބައްދަލުކޮށްފައެވެ.

ކެޝަޕް އާއި އެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، ކައުންސިލަށް ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އެރުވި އެވެ. އަދި ކައުންސިލްގެ ތަސައްވުރާއި ހާސިލް ކުރެވުނު ކަންކަމުގެ މައުލޫމާތު ސަފީރު އާއި ހިއްސާ ކުރެވުނެވެ.
މީގެ އިތުރުން އައްޑޫގެ ތާރީހާއި ގުޅޭ ގޮތުން ކެޝަޕްއަށް ކައުންސިލުން މައުލޫމާތު އެރުވިއެވެ.

އެމެރިކާގެ ސަފީރު އައްޑޫއަށް ޒިޔާރަތް ކުރެއްވި އިރު ނިމިގެން ދިޔަ މޭއި މަހު އިނގިރޭސި ސަފީރު ވަނީ އައްޑޫއަށް ޒިޔާރަތްކޮށް ކައުންސިލާއި ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.