ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ހިތަދޫގައި އިމާރާތް ކުރި 264 ފްލެޓަށް ކުރިމަތިލި 585 ފަރާތުން އިންތިޒާރު ކުރަމުންދާތާ އަހަރު ދުވަސްވީ އެވެ.
ފޯމު ހުށަހެޅި މީހުން ދިގު އިންތިޒާރެއް ކުރަމުން ދަނީ މިހާރު ދިރިއުޅެމުންދާ ނިކަމެތި ކަމުން އަރައިގަނެ މީގެ ފްލެޓެއްގައި ނިދާލެވޭތޯ އެވެ؟
ހިތަދޫ ފްލެޓް ތަކާއި ގުޅިގެން ހައުސިން މިނިސްޓްރީން މިހާތަނަށް އެތައް ދޮގެއް ހަދައިފިއެވެ. ރައްޔިތުންނަށް އެތައް ފަހަރަކު އޮޅުވާލައިފިއެވެ. ފޯމު އިވެލުއޭޓްކޮށް ނިމުނު ވާހަކަ ބުނެފިއެވެ. ނިމިގެން ދިޔަ މޭއި މަހު ފްލެޓްގައި މީހުން ދިރިއުޅޭނެ ކަމަށް ބުނިއެވެ.
އެމަސައްކަތް ކައިރިން ބަލަމުން އަންނަ ވާހަކަ ބުނެފިއެވެ. އެކަމަކު މިއިން އެއްވެސް ވާހަކައެއް އަދި މިހާތަނަށް ތެދުވެފައި ނުވެއެވެ.
މިކަމުގެ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ޖަވާބެއް ނުދެއްވައި އެވާހަކަތަކުން ރެކެނީއެވެ. އެހެންވެ މިހާރު މިކަމުގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދިއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފޭދޫގައި އިމާރާތް ކުރި 25 ހައުސިން ޔުނިޓް މިހާރުގެ ހައުސިން މިނިސްޓްރީން ބަޔަކާއި ހަވާލު ކުރެވުނީ ދެ އަހަރުވީ ފަހުންނެވެ.
އެތައް ފަހަރަކު ގުރުލުން ކެންސަލް ކޮށް އެތައް މައްސަލަތަކެއް ކުރިމަތި ކުރުވުމަށްފަހު އެތަނަށް މީހުން ވަންނަން ބެލި އިރު ތަން އޮތީ ވީރާނާވެފައެވެ. އެކަމަށް އިތުރު ހަރަދު ކުރަން ޖެހުނު އިރު އަދިވެސް އެކަން މުޅިން ހައްލެއް ނުވެއެވެ.
ފޭދޫ ހައުސިން ޔުނިޓް ހަވާލު ކުރެވުނު ގޮތަށް ބަލާއިރު މިހާރު ހިތަދޫގައި އިމާރާތް ކޮށްފައި ހުރި 264 ހައުސިން ޔުނިޓް ތަކުގެ ފޯމު އިވެލުއޭޓްކޮށް ނިންމައި އެތަނަށް މިއަހަރު ނިމޭ އިރު ވެސް އިންސާނަކަށް ވަދެވޭނެ ކަމާއި މެދު ޝައްކެވެ.
އެންމެ ބޮޑު މައްސަލައަކީ މިތަން ބޭނުންވެފައި ތިބި ރައްޔިތުންގެ އިހްސާސް އެނގި މިކަމަށް އިހްލާސްތެރި މަސައްކަތެއް ކުރާތަން ނުފެނުމެވެ.
މިކަން ވެސް ސިޔާސީ ކޮށް ހެޔޮފުޅު ކަން ދައްކަން ހަދައިގެން އެންމެ ފަހުން ރައްޔިތު މީހާގެ ރުޅި އާއި ނަފްރަތު ސަރުކާރަށް މިވަނީ އަމާޒުވެފައެވެ.
ހިތަދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމައި އެތަންތަން ސަރުކާރާއި ހަވާލު ކުރިތާ އަހަރު ދުވަސް ވެގެންދާއިރު އެތަނުގައި އަދިވެސް ނަރުދަމާއެއް ކަރަންޓެއް ނެތެވެ. އެދެކަމަށް ބޮޑު ހަރަދެއް ދާނެއެވެ. ހާއްސަކޮށް އެތަނުގެ ނަރުދަމާގެ މަސައްކަތް ނިންމާފަ އިވަނީ ހިތަދޫގައި އަޅާ ނަރުދަމާއާއި ގުޅާ ގޮތަށެވެ.
ނަމަވެސް ހިތަދޫގެ ނަރުދަމާ އަދި އެހިސާބަކަށް ނުދެއެވެ. މަސައްކަތް ހުރި ގޮތުން އެ ސަރަހައްދުގެ ނަރުދަމާ މިއަހަރު ނިމޭއިރުވެސް އެޅޭނެކަމަށް ގަބޫލެއް ނުކުރެވެއެވެ.
ދެން އޮތީ އެތަނުގެ ކަރަންޓްގެ މައްސަލައެވެ. ތަނުގެ ކަރަންޓް ވައިރިން ނިންމާފައި ހުރި ނަމަވެސް އެއްވެސް ފްލެޓަކަށް ކަރަންޓު ގުޅާފައި ނުވެއެވެ. ކަރަންޓް ފަސޭހައިން އެތަނަށް ގުޅޭނެ ގޮތެއް ވެސް ނެތެވެ.
ފްލެޓަށް ކަރަންޓް ދިނުމަށް ފެނަކައިން ހަރަދު ބޮޑު ބިޔަ މަޝްރޫއެއް ހިންގަން ޖެހެއެވެ. އެ ސަރަހައްދުގައި ވަކިން ޓްރާންސްފޯމަރު ބަހައްޓައި ކަރަންޓް ފޯރުކޮށްދޭން ޖެހޭއިރު ފެނަކައިގައި އެކަމަށް ބޭނުންވާ ސާމާނެއް ވަސީލަތެއް ނެތެވެ.
މިއީ ހައްތާވެސް ހިތަދޫ ހައުސިން ޔުނިޓް ހަވާލު ކުރުމާއި ގުޅިފައި ހުރި މައްސަލަތަކެވެ. މިކަން ހައްލު ކުރުމަށް ހައުސިން މިނިސްޓްރީން މަސައްކަތެއް ކުރޭތޯ ނުވަތަ ހައްލެއް ލިބޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރަން ކިތަންމެ މަސައްކަތެއް ކުރިއަސް އެ ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.
ދެން އޮތީ އަނެއްކާވެސް މަޖްލިސް މެމްބަރުން މެދުވެރިކޮށް ހައުސިން މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް މެމްބަރުންނަށް އާދޭސް ކުރުމެވެ.
ރައްޔިތުންގެ އާދޭސްތަކާއި އެއްގޮތަށް މިނިސްޓަރާ ސުވާލު ކުރުމަކީ، ވެސް މަޖިލީހުގެ ކަންތައް ކުރިއަށްދާ ގޮތުން އެ މެންބަރަށް ފަސޭހަ ކަމެއް ނޫނެވެ.