އާންމުކޮށް ވަރުގަދަ އެކްޝަން ފިލްމްތަކުން ފެންނަ ސަނީ ޑިއޯލް ލީޑް ރޯލް ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމް "އައި ލަވް ނިއު ޔެއާ" އެޕްރީލް މަހުގެ 26 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ފިލްމުގައި އުމުރުން 56 އަހަރުގެ ސަނީ އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ޒުވާން އެކްޓްރެސް ކަންގަނާ ރަނާވަތު، 25، އެވެ.
ފިލްމްގައި ކިޔައި ދެނީ މިއުޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ކަންގަނާ އާއި ވޯލް ސްޓްރީޓް ބޭންކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ސަނީ ދިމާވެ، ދެ އަހަރުގެ ތެރޭގައި އެ މީހުންގެ ހަޔާތުގައި ދިމާވާ ހެއްވާ މަޖާ ކަންތައްތަކެވެ.
"އައި ލަވް ނިއު ޔެއާ" އަކީ މީގެ ކުރިން ސަލްމާން ހާނާއި ސްނޭހާ އުލާލު ހިމަނައިގެން "ލަކީ" ޑައިރެކްޓް ކުރި ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ. ފިލްމްގެ ސްކްރީންޕްލޭ ވެސް ތައްޔާރުކޮށްފައި ވަނީ އެ ދެ މީހުންނެވެ. މި ފިލްމްގެ މަންޒަރުތައް ނަގާފައި ވަނީ އެމެރިކާގެ ޝިކާގޯގަ އެވެ.
ބުޝަން ކުމާރާއި ކްރިޝަން ކުމާރު ޕްރޮޑިއުސްކޮށްފައިވާ "އައި ލަވް ނިއު ޔެއާ" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ފިލްމް ފެއާގެ އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުގެ މަގާމު "ބަރްފީ" އިން ހޯދި ޕްރިތަމް ޗަކްރަބަތީ އެވެ.