Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކު މަރުވެއްޖެ

މަރަދޫފޭދޫ ބޮޑު މަގުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި ހާދިސާއެއްގައި ސީރިއަސް އަނިޔާ ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 1:30 ހާއިރު ސައިކަލް ކަހާލައިގެން ވެއްޓި ބޮލަށް އަނިޔާ ލިބި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ހިތަދޫ ގަސްރު ހައުސް، މޫގިލް ރަޝީދުއެވެ.

އޭނާ ވެއްޓުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް މަރަދޫފޭދޫ ކޮޅުގައިވާ "ބެންޑުން" އަޅާލަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުކުރެވިގެންނެވެ.

ފުލުހުންގެ އައްޑޫ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ ސައިކަލް ކަހާލައިގެން ވެއްޓި ޒަހަމްވި ޒުވާނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި މޫގިލް ވެއްޓި ފުރަތަމަ ޖެހުނީ މަގުގެ ޕޭވްމަންޓް މަތީގައެވެ.

އޭނާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ، ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމް ސީރިއަސް ކަމުން ފަހުން ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަަލަށް ބަދަލުކޮށްފައެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހަަރަކާތް ހުއްޓިފައިކަމަށް އެސަރަހައްދުގައި ހުރި "އައްޑޫލައިވް" ނޫސްވެރިޔާ ބުންޏެވެ.

މިއަހަރު ޖެނުއަރީ 28 ވަނަ ދުވަހުވެސް ވަނީ އެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައެވެ. އެދުވަހުގެ އެކްސިޑެންޓްގައި މަރުވީ މަރަދޫފޭދޫ، މާކަރީ ލައިޓް، އަހުމަދު ސައިފްއެވެ.