Last Updated: July 26, 18:11
Monday, July 27, 2026
ރިޕޯޓް

ޕީޕީއެމް މެމްބަރުން ވެސް މަސީހަށް އިތުބާރު ކުރުން ހުއްޓާލީތަ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ، މަޖިލީހުގައި ނެގި އާދަޔާ ޚިލާފް "ރޯލް ކޯލް" ވޯޓަކުން ފެއިލްކޮށްލުމަށް ފަހު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ވަނީ މަސީހުގެ 'އިތުބާރު' ދަމަހައްޓާފައެވެ.

ނަމަވެސް އެ ތާރީހީ ވޯޓަށް ފަހު ކާމިޔާބީ ފާހަގަކުރުމަށް ކޭކު ފެޅި އިރު، ތިއްބެވީ މަދު ވަރަށް އަދަދެއްގެ މެންބަރުން ކޮޅެކެވެ. އެއާއިއެކު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ، އެ ފޮޓޯ އިން ފެނިގެން ދިޔައީ މަސީހުގެ "އަސްލު ސައިޒު" ކަމަށެވެ.

މަސީހުގެ އިތުބާރު މައްސަލަ މަޖްލިސް އާއި މަޖްލީހުންގެ ބޭރުގައި ބޮޑު ބަހުސްއަކަށް ވެފައި ވަނިކޮށް އަނެއްކާވެސް މިވަނީ އިތުރު މައްސަލައެއް ފެންމަތިވެފައެވެ. މަޖްލިސްގެ ރައީސް މަޖްލިސް މެމްބަރުންނަށް ދެއްވި ހާއްސަ ރޯދަ ވީއްލުމަށް ގިނަ މެމްބަރުން ނުދިޔަ މައްސަލައެވެ.

މަޖްލީހުގެ 84 މެމްބަރުންނަށް ދައުވަތު އަރުވައިގެން ބޭއްވި ރޯދަ ވީއްލުމަށް ހާޒިރުވީ ޕީޕީއެމްގެ އެންމެ 17 މެމްބަރުންނެވެ. އިދިކޮޅު އެއްވެސް މެމްބަރަކު ހާޒިރު ނުވި ނަމަވެސް ޕީޕީއެމް/ އެމްޑީއޭ ކޯލީޝަންގައި ހިމެނޭ 49 މެމްބަރުންގެ ތެރެއިން އެހާ މަދު މެމްބަރުން ކޮޅެއް ހާޒިރުވުމުން މަސީހުއަށް އަސްލު އިތުބާރު ކުރޭތޯ މިހާރު ސުވާލު އުފެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި މިކަަމަށް އެތައް ބަޔަކު ފާޑު ކިޔާފައި ވަނިކޮށް އިއްޔެވެސް ވަނީ މަސީހުގެ އިސްތިއުފާއަށް ޕީޕީއެމް މެމްބަރުން ތަކެއް ގޮވާފައެވެ. މަޖްލިސްއަށް ސަރުކާރުން އިއްޔެ ހުށަހެޅި ޖިނާއީ އިޖްރާތުގެ ގާނޫނުގެ އިސްލާހާއި ގުޅިގެން މަސީހުގެ އިސްތިއުފާއަށް ގޮވި އިރު ޕީޕީއެމް މެމްބަރުންގެ ތެރޭގައި ވަނީ ބޮޑު ދެބަސްވުންތަކެއް އުފެދިފައެވެ.

މަސީހުގެ އިސްތިއުފާއަށް ގޮވައި، ދައުވަތު ގަބޫލް ނުކުރުމުން ޕީޕީއެމްގެ މެމްބަރުންގެ ކުރިމަތީގައި މަސީހުގެ އިތުބާރެއް ނެތްކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަމުދުން މިފަދަ ވަގުތެއްގައި މިއީ ސަރުކާރުގެ ބަލިކަށިކަން ދޭހަވާ ކަމެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.