ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު، މިރޭ އެނބުރި ރާއްޖެ ވަޑައިގަތުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ރާއްޖެ ވަޑައިގަތުމާ އެކު، މައުމޫނަށް މަރުހަބާ ކިޔުމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވެލާނާ އެއާޕޯޓަށް ވަޑައިގެންފައެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ތާއީދުކުރައްވާ ޕީޕީއެމްގެ މައުމޫން ފެކްޝަން، ޖޭޕީ އަދި އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ވަނީ އެއާޕޯޓުން މައުމޫނަށް މަރުހަބާ ދަންނަވާފައެވެ.
މައުމޫން އެއާޕޯޓުން މާލެ ވަޑައިގަންނަވާއިރު ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ މައިދާން ސަަހައްދަށް ވަނީ އެއްވެފަ އެވެ.