ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެރުވި ރޯދަ ވީއްލުމުގައި ބައިވެރިވި މެމްބަރުންގެ އަދަދަކީ މިހާރު ރައީސް ޔާމީނަށް މަޖިލީހުގައި ތާއީދުކުރައްވާ ހަމައެކަނި މެމްބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މުޅި މަޖިލީހަށް މަޖިލީހުގެ ރައީސް ދައުވަތު އެރުވުމުން ސަރުކާރުގެ ގިނަ އަދަދެއްގެ މެމްބަރުންވެސް ދައުވަތު ގަބޫލުނުކުރައްވައި ރޯދަވީއްލުމުގައި ބައިވެރިވެވަޑައި ނުގަތުމުން ކުރެއްވި ޓުވީޓެއްގައެވެ.
Speaker Maseeh majlis memberunnah dhevvi roadha villumah vadaigathee Raees Yaameen ah mihaaru majlis gai thaaidhu oiy minvarah
— Mohamed Nasheed (@MohamedNasheed) June 14, 2017
މަސީހު އެރުއްވި ރޯދަ ވީއްލުމުގައި މިފަހަރު ބައިވެރިވެވަޑައިގެންފައިވަނީ 85 މެމްބަރުންގެ ތެރެއިން އެންމެ 17 މެމްބަރެކެވެ. ސަރުކާރު ކޯލިޝަނުގެ 49 މެމްބަރުން ތިއްބެވިއިރު އޭގެތެރެއިން ގިނަ މެމްބަރުންވެސް ވަނީ ދައުވަތު ގަބޫލުނުކޮށް ރޯދަވީއްލުމުގައި ބައިވެރިވެފައިނުވާއިރު އެމެމްބަރުން ބައިވެރިވަޑައިނުގެންނެވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ ޗުއްޓީ ނިމުމަށްފަހު ޖަލްސާތައް އަލުން ފަށާފައިވާއިރު ގިނަ މެމްބަރުން މިހާރު މާލޭގައި އެބަތިއްބެވިއެވެ. އެހެންނަމަވެސް ސަރުކާރު ތަމްސީލު ކުރައްވާ ގިނަ މެމްބަރުން މަޖިލީހުގެ ރައީސް އެރުއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިނުގެންނެވުމުން ޕީޕީއެމްގެ އާންމު މެމްބަރުންވެސް މިހާރު ތިބީ ސުވާލު މާކެއްގެ ތެރޭގައެވެ.