Last Updated: April 23, 14:49
Tuesday, April 23, 2024
ރިޕޯޓް

ތިމާވެށި ހިމާޔަތް ކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން

އަހަރެމެންގެ ވަށައިގެން ވާ ތިމާވެށި ނުވަތަ އިނގިރޭސި ބަހުންނަމަ “އެންވަޔަރުމެންޓް” ހިމާޔަތް ކުރުމުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، މީހުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ދުވަސްތައް ދަނީ ފާހަގަ ކުރަމުންނެވެ.

ތިމާވެށީގެ ވާހަކަ އެކި މާލަމް ތަކުގައި ދައްކައި، ބައްދަލުވުން ބާއްވަމުން އަންނަ އިރު ތިމާވެށި ހިމާޔަތްކުރުމަށް އެތައް މުއާހަދާ ތަކެއް މިވަނީ އެކުލަވާލާފައެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރާއިރު، އަހަރެމެންނަށް ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ބައެއް ކަންތައްތައް ކުރެވިދާނެ އެވެ.

ކުނި ކޮށީގައި ރޯވި އަލިފާން ގަނޑުން ލިންކު ރޯޑް ފުރިފައި.

ތިމާވެށި ހިމާޔަތް ކުރުމަކީ ޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެކެވެ.

އެއީ އެންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސްކޫލެއްގައި އޮންނަ ޖަމިއްޔާއެއްގެ އެކަނި ކަމެއް ވެސް ނޫނެވެ. ރަނގަޅު ތިމާވެއްޓެއްގެ ސަބަބުން އަހަރެމެންނަށް ވަރަށް ގިނަ ސިއްހީ އަދި އެހެނިހެން ފައިދާތަކެއް ލިބޭނެކަން ހަނދާން ކުރަން ޖެހެއެވެ.

ރަނގަޅު ތިމާވެއްޓެއް ނެތްނަމަ ގިނަ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. ރަށެއްގެ މީހުން ކުރިއެރުމަށްޓަކައި އެމީހުންނަކީ ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ. އެކަން ވާނީ ރަނގަޅު ތިމާވެއްޓެއް އޮވެގެންނެވެ. ރަނގަޅު ތިމާވެއްޓަކާނުލާ ކުރިއެރުމެއް ނުލިބޭނެ އެވެ.

އަހަރެމެން ނޭވާލާން ބޭނުންކުރާ ވަޔަކީ ސާފު އެއްޗަކަށް ވާންޖެހެވެ. މިވައި ސާފުކުރެވޭނީ ތިމާވެށި ރަނގަޅަށް ބަލަހައްޓައިގެންނެވެ. ރަށުގެ އާބާދީ ބޮޑުވަމުން ދިއުމުގެ ސަބަބުން އުކާލެވޭ ކުނި ގިނަވެއެވެ. މަގުމައްޗަށާއި ރަށް ތަށުގެ ހޭޅިފަށައް އަދި ފަޅު ގޯތިތަކަށް ކުނިއެޅުން މިވަނީ އާންމުވެފައެެވެ.

އެއްބަޔަކު ބޭކާރު ތަކެތި އެއްލާލަނީ މަގުމައްޗަށެވެ. އަނެއް ބަޔަކު އެއްވެސް ފިކުރެއް ނެތި ކުނި އުކާލަނީ ރަށުގެ ހޭޅިފަށަށެވެ. ނުވަތަ ފަޅު ހިސާބުގަނޑަކަށެވެ. ދުވަސް ކޮޅަކުން މިތަން ތަން ގޮނޑުވެ، ބޮޑެތި ބަލި ފަތުރާ މަރުކަޒު ތަކަށް ބަދަލުވެއެވެ.

އުކާލެވޭ ކުންޏާއި އަންދާ ކުނީގެ ސަބަބުން ޖައްވަށް ވިހަ ގޭސް ތަކެއް ފެތުރިގެން ދާ ވާހަކައަކީ މިއަދު ސައިންސްވެރިން އެންމެ ގިނައިން ދައްކާ ވާހަކައެވެ. ހާއްސަކޮށް މި ވިހަ ގޭސް ޖައްވަށް ބޭރުކުރުމުން ލިބޭ ސިއްހީ ގެއްލުމުގެ ވާހަކައެވެ. ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކާއި، ދުނިޔެ ހޫނުވެ އިރުގެ ދޯދިތަކުން ޖެހޭ ހަމުގެ ކެންސަރުގެ ވާހަކައަކީ މިއަދު ސިއްހީ މާހިރުންނާއި ސައިންސްވެރިން ދެމުންދާ އިންޒާރުތަކެވެ.

މި ސަބަބުތަކަށްޓަކައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމު ތަކުން ތިމާވެށި ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ބައިނަލް އަގްވާމީ މުއާހަދާތަަކަށް ބޯލަނބައި އެގޮތަށް އަމަލު ކުރަން ޖެހެއެވެ. އަހަރެމެން ރާއްޖެ ފަދަ ވަސީލަތް މަދު، ނާޒުކު ގައުމަކުން މިކަމާއި ދޭތެެރޭ މާ ފުންކޮށް ވިސްނަން ޖެހެއެވެ. އެހެންވެ ކުނި ނައްތާލުމަށް ކުނި އެންދުން މަދުކޮށް ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމަށް ބާރު އަޅަން ޖެހެއެވެ، ފަރުދީ ފެންވަރުގައި ޒިއްމާ އަދާ ކުރަންޖެހެއެވެ.

މިކަމަކީ ވަކި ބަޔަކު ކުރަން ދޫކޮށްލަން ޖެހޭ ކަމަކަށްވުރެ ބޮޑަށް ތިމާގެ އަމިއްލަ އިސްނެގުން ކުރިއަށް ނެރެންޖެހޭ ކަމެކެވެ. ސާފު ރީތި ވެއްޓެއް ގާއިމް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހެއެވެ.